މާލެއާއި ތިން ރަށެއްގައި ހިންގި ޑުރަގު އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން: ހަތަރު އަތޮޅަކުން ހަ މީހަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/ ފުލުހުން

މާލެއާއި އިތުރު ތިން ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަން ހިންގީ މާލޭގެ އިތުރުން ފުވައްމުލަކު ސިޓީއާއި ށ. ފުނަދޫ އަދި ތ. ކިނބިދޫގައެވެ.

ފުލުހުން މިއަދު ބުނީ، މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ގަލޮޅުގައި ހުންނަ ގެއަކުން ކަމަށް ފުލުހުން ބުންޏެވެ.

"އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅާއި ޕްލާސްޓިކް ފުޅިއެއްގެ އިތުރުން ސެލޯފިންކޮޅެއް ފެނިފައިވޭ" ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ.

އަތޮޅު ތެރޭ ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ފުނަދުއިން މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރު ކުރީ ދެ ދިވެހި ފިރިހެނުންނެވެ. އެއީ 31 އަހަރާއި 63 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 34 ސެލޯފިންކޮޅު ފެނުނުކަމަށް ފުލުހުން ބުންޏެވެ.

ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ ވޭމަންޑުން ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަންގައި ވެސް ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އެއީ 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ.

އޭގެ އިތުރުން ފުވައްލަކު ސިޓީން މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރީ 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް 15 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.

comment ކޮމެންޓް