ކަޑިންމަ ރިސޯޓުން ޕޮޒިޓިވްވީ ހުސް މުވައްޒަފުން

ކަޑިންމަ ރިސޯޓު: އެ ރިސޯޓުން ޕޮޒިޓިވްވީ ހުސް މުވައްޒަފުން

ދ. ކަޑިންމަ މޯލްޑިވްސް ރިސޯޓުން މިއަދު ޕޮޒިޓިވްވީ ހުސް މުވައްޒަފުން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރިސޯޓަށް އަރާ ފޭބުން މަނާކޮށް، ނެގި 20 ސާޕްލަ އިން 17 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްއީއޯސީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ޕޮޒިޓިވްވި 17 މީހުންނަކީ ވެސް އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މީހުން ކަމަށެވެ.

"ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަތުރުވެރިއަކު ނުހިމެނޭ. ޕޮޒިޓިވްވީ ރިސޯޓުގެ މުވައްޒަފުންނާއި ކޮންޓްރެކްޓް މަސައްކަތް ކުރާ މީހުން،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އެ ރިސޯޓުން ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އުމުރުން 60 އަހަރުގެ ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުން އިއްޔެ އެވެ. އޭގެ ފަހުން އިއްޔެ ހަވީރުން ފެށިގެން އެ ރިސޯޓު އޮތީ އަރާފޭބުން މަނާކޮށްފަ އެވެ.

މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން ހައިރިސްކް މީހުން މިހާރު ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިހާރު އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާ ނަމަ ކޮވިޑަށް ޓެސްޓް ހެދުމަށް ފަހު ނެގެޓިވް ވުމުންނެވެ.

މިއީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރިސޯޓަކުން މިހާ ގިނަ އަދަދެއްގެ ބައެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކަޑިންމަ ރިސޯޓުން މަރުވި މީހާއާ އެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 38 މީހަކު ވަނީ މަރުވެފަ އެވެ. އިއްޔެ އިރުއޮއްސި 6:00 އަށް ކުރި 12،04 ސާމްޕަލް އިން ޕޮޒިޓިވްވީ 16 މީހެކެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 11،659 އެވެ. އޭގެ ތެރެއިން 10،814 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 800 އެވެ.

comment ކޮމެންޓް