ށ. ނަރުދޫގައި ހައްދާފައި ހުރި ދަނޑުތަކަކަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ރޭގެ ވަގުތެއްގައި ނަރުދޫގެ ތިން ދަނޑަކަށް ވަނީ ގެއްލުން ދީފަ އެވެ. އެ މައްސަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.
ފުލުހުން ބުނީ ނަރުދޫގައި ހައްދާފައިވާ ދަނޑުތަކަކަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ގެއްލުންދިން ދަނޑެއްގެ ވެރިފަރާތް ކަމަށްވާ އަހުމަދު ސޮބާހު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދަނޑުގައި ހައްދާފައި ހުރި ކިއުކަމްބާ، ބަޓާނާ އަދި ކަރާ ވެޔޮތައް ވަނީ ކޮށާލާފަ އެވެ. އެ ވެޔޮތައް ކޮށާލާފައިވާކަން އެނގުނީ މިއަދު ހެނދުނު ކަމަށް އޭނާ ކިޔައިދިނެވެ.
ކިއުކަމްބާ ވެޔޮތައް ކޮށާލީ އިއްޔެ ކިއުކަމްބާ ކަނޑާލާފައި ހުއްޓަ އެވެ. ނަމަވެސް، މުސްތަގުބަލުގައި ލިބެން ހުރި ފައިދާ ގެއްލިފައިވާތީ ސޮބާހު ކަންބޮޑުވުން ފާޅުކުރި އެވެ.
"އިއްޔެ ކަނޑާފައި ހުއްޓާ، ދެން އަންނަ ހަފްތާއަކަށް ރެޑީ ވާން ވެެގެން ހުއްޓާ ރޭގައި އެ ކޮށާލީ ކިއުކަމްބާ ވެޔޮތައް. ދެން އަންނަ ހަފްތާއަކަށް ކެނޑޭނެ 150 ވަރަކަށް ކިލޯ ހުންނާނެ،" ސޮބާހު ކިޔައިދިނެވެ.
ކަރާ ވެޔޮ ކޮށާލި އިރު އަދި އެއިން އެއްވެސް ވަރަކަށް މަންފާއެއް ނުލިބެ އެވެ. ސޮބާހު ބުނި ގޮތުުގައި ކަރައަށް އޭނާ ކުރި އެ އިންވެސްޓެމްންޓު އެއްކޮށް ބޭކާރުވީ އެވެ.
ވެޔޮ ކޮށާލި އިރު ބޭނުން ކުރެވޭ ވަރަށް ހެދިފައި ހުރި ބަޓާނާތައް އެބަ ހުރި ކަމަށް ސޮބާހު ބުންޏެވެ. ނަމަވެސް، އެކަމުންވެސް ބޮޑު ގެއްލުމެއްވި ކަމަށް އޭނާ ކިޔައިދިނެވެ.
ސޮބާހު ބުނި ގޮތުގައި ދަނޑުތަކަށް ގެއްލުންދިނީ ކޮން ބަޔަކު، ކީއްވެ ކަމެއް އޭނާއަކަށް ނޭނގެ އެވެ.
"އަޅުގަނޑަށް ތުހުމަތު ކުރެވޭ ބަޔަކު އަނެއްހެން ނެތް. އެހެން ދެންނެވޭ ވަރަކަށް އަޅުގަނޑު އަތުގައި އެވިޑެންސެއްވެސް ނެތް،" ސޮބާހު ބުންޏެވެ.
މިކަމާ ގުޅިގެން ނަަރުދޫ ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.