ކޮވިޑް-19 ޖެހުމަށް ފަހު، އެ ބަލިން ހަށިގަނޑު ދިފާއުވުމުގެ ބާރު މަދުވެގެން ފަސް މަހަށް ހުންނަ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ސައިންސް ޖާނަލްގައި ޝާއިއު ކުރި އެ ދިރާސާގައިވާ ގޮތުން ހަށިގަނޑަށް ބައްޔެއް ޖެހުމުން، އެ ބަލިން މީހާ ދިފާއު ކުރުމަށް ހަށިގަނޑުން ގިނަ އަދަދެއްގެ 'އިމިއުން ކޮމްޕައުންޑްސް' އުފައްދަ އެވެ. އަދި އޭގެ ތެރެއިން ބައެއް ބާވަތްތައް ކުޑަ ދުވަސްކޮޅަކުން މަރުވެ ދިޔަ ނަމަވެސް އެހެން ބާވަތްތައް އިތުރު ވަމުންދެ އެވެ.
އެހެންކަމުން ކޮވިޑް ޖެހުމަށް ފަހު ބަލިން ދިފާއުވުމުގެ ބާރު ހުންނަނީ ކުޑަ ދުވަސްކޮޅަކަށް ކަމަށް ބައެއް ދިރާސާތަކުން ދައްކަނީ، ފުރަތަމަ މަރުވެގެންދާ އިމިއުން ކޮމްޕައުންޑްތަކަށް ބަލާތީ ކަމަށް ވެދާނެ ކަމަށް އެ ދިރާސާގައިވެ އެވެ.
އެ ދިރާސާ ހަދާފައި ވަނީ އެމެރިކާގެ މައުންޓް ސައިނައި ހެލްތު ސިސްޓަމްއިން މިދިޔަ މާޗް މަހާއި މި މަހާ ދޭތެރޭ ޓެސްޓު ކުރި މީހުންގެ ތެރެއިން، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 30،082 މީހެއްގެ އެންޓި ބޮޑީ ލެވެލްތައް ބަލައިގެންނެވެ. އަދި އޭގެ ތެރެއިން ކޮންމެ މީހެއްގެ ވެސް އެންޓިބޮޑީ ލެވެލް ހުރި މިންވަރަށް ބަލައި އެއީ މަތި ނުވަތަ މެދުމިން ނުވަތަ ދަށް މިންވަރެއްތޯ ބެލި އެވެ.
އެ ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ އެންޓިބޮޑީތައް ހުރީ މެދުމިންވަރަކަށް ނުވަތަ މަތީ މިންވަރަކަށެވެ.
"މި ވައިރަހުން ދިފާއުކޮށްދޭ އެންޓިބޮޑީތައް ވަރަށް އަވަހަށް ނެތިދާ ކަމަށް ބައެއް ރިޕޯޓުތަކުގައި އޮތް ނަމަވެސް އަޅުގަނޑުމެންނަށް ލިބުނީ އެއާ އިދިކޮޅު ނަތީޖާ އެއް -- އެއީ ވައިރަހުގެ ސަބަބުން ކުޑަކޮށް ނުވަތަ މެދުމިންވަރަކަށް ބަލިވި މީހުންގެ ހަށިގަނޑުގައި ދެން ވައިރަސް ނައްތާލެވޭ ވަރުގެ އެންޓިބޮޑީ ރެސްޕޮންސްއެއް އުފެދިފައިވާކަން އަދި އެ ދިފާއީ ބާރު މަސްތަކެއް ވަންދެން ދެމި ހުންނަކަން،" އެ ދިރާސާގައި އިސްކޮށް ހުންނެވި ވެކްސިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ފްލޯރިއަން ކްރޭމާ ވިދާޅުވި އެވެ.
އެ ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި، މީހާއަށް އަލުން ބަލި ޖެހުން ކޮވިޑް އެންޓިބޮޑީތަކުން ހުއްޓުވާކަން މި ދިރާސާއިން ޔަގީން ނުވި ނަމަވެސް، އެ ފުރަސަތު ކުޑަކޮށްދޭކަން ދިރާސާއިން ހާމަވި އެވެ. އަދި އެއީ ކޮވިޑަށް ވެކްސިނެއް އުފެއްދުމަށް މުހިއްމު ކަމެއްކަންވެސް އެ ޓީމުން ފާހަގަ ކުރި އެވެ.