އިންޑިއާ މީހަކަށް ދޮޅު ލައްކަ ޑޮލަރު ދިނުމަށް ނަޝީދަށް ކުރި ހުކުމް ބާތިލްކޮށްފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

އިންޑިއާގެ މީހަކަށް ދޮޅު ލައްކަ ޑޮލަރު (2.3 މިލިއަން ރުފިޔާ) ދޭން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެއީ އިންޑިޔާ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް އިންވެސްޓް ކޮށްގެން މުހައްމަދު ނަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް "ބަރުތީލަ" ކިޔާ އުޅަނދު ޑރ. އަލަކާ ސިންގް ބޭނުންވި އަގަށް ވިއްކާލެވެން ނެތުމުން، އެ އަގަށްވުރެ ކުޑަކޮށް އެ އުޅަނދު ވިއްކާލަން ޖެހިފައިވާތީ، އެ އުޅަނދަށް އިންވެސްޓްކުރުމަށް ޑރ. އަލަކާ ސިންގް އަށް އެޑްވައިސްކޮށްފައިވަނީ މުހައްމަދު ނަޝީދު ކަމަށްވާތީ، ޑރ. އަލަކާ ސިންގަށް ބަދަލެއްގެ ގޮތުގައި ދިނުމަށް އަމިއްލަ ހައިސިއްޔަތުން ނަޝީދު އެއްބަސްވި 150،000 އެމަރިކާ ޑޮލަރު ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެދި ޑރ. އަލަކާ ސިންގްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ ނިންމައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޑރ. އަލަކާ ސިންގްގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ޝަރީއަތުން ބެލިއިރު، ދައުވާގައި ބަޔާންކޮށްފައިވާ 150،000 ޑޮލަރު ދިނުމަށް އެއްބަސްވެ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވާ ކަމަށެވެ.

އެ ފައިސާ އަކީ މެމްބަރު ނަޝީދު، ޑރ. އަލަކާ ސިންގް އަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ. އެހެންކަމުން ހުކުމް ކުރި ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ދަރަނި ޚަލާސްކުރުމަށް ސިވިލް ކޯޓުން އެ ހުކުމްގައި ވަނީ ނަޝީދަށް އަންގާފައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ ފަރާތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

އިސްތިއުނާފު މައްސަލަ ނިންމައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އީމެއިލް މެދުވެރިކޮށް، އުޅަނދު ވިއްކާލުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުން އެ 150،000 ޑޮލަރަކީ ލާޒިމުވުމެއް ނެތި ދިނުމަށް ހުށަހަޅާފައިވާ
ފައިސާއެއް ކަމަށް ނަޝީދު ވިދާޅުވުމުން، ނަޝީދުގެ އެ ހުށަހެޅުމަކީ ލާޒިމުވުމެއް ނެތް އަދި ޑރ. އަލަކާ ސިންގް އަށް ތަންފީޒުކުރެވޭނެ މަގެއް ނެތް ހުށަހެޅުމެއްކަމަށް ޑރ. އަލަކާ ސިންގް އެއްބަސްވެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މައްސަލައިގައި އެ އުޅަނދު ގަތުމާ ގުޅޭގޮތުން ޑރ. އަލަކާ ސިންގް އާއި، އުޅަނދު ގަންނަން ޝައުގުވެރިކަން ފާޅުކުރި ކްރިސްޓޮފް ޕީޓަރ ގްރޯހ އާދެމެދު އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ ކުރިން ނަޝީދުގެ ހުށަހެޅުމުގެ ނިޔަތް ސާފުކޮށްދީފައިވާ ކަމާއި އަދި އެ ހުށަހެޅުމުގެ ނިޔަތަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމަށް ހުކުމްގައި ވެއެވެ.

އެހެންކަމުން އެ އުޅަނދު ވިއްކާލުމާ ގުޅިގެން ޑރ. އަލަކާ
ސިންގް އަށް ނަޝީދު 150،000 ޑޮލަރު ދިނުމަށް ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދު ވެފައި ނުވާކަމަށް ހުކުމްގައިވެއެވެ.

"މި އުޅަނދު ވިއްކާލުމުގެ މުއާމަލާތް ޑރ. އަލަކާ ސިންގް ފުރިހަމަކޮށްފައި ވަނީ މުހައްމަދު ނަޝީދުގެ ނިޔަތް އެނގިހުރެ، މުހައްމަދު ނަޝީދުއާއެކު ގާނޫނީ ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް ނެތިކަމުގައިވާތީ، ޕްރޮމިސަރީ އެސްޓޯޕަލްގެ މަބްދައު މި މުއާމަލާތުގެ މައްޗަށް ތަޠްބީޤެއް ނުކުރެވޭނެއެވެ." ހުކުމްގައިވެއެވެ.

އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭކަމަށް ނިންމައި، އެ ހުކުމް ވަނީ ބާތިލްކޮށްފައެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ.

އެ ހުކުމް ބާތިލްކުރި ނަމަވެސް، ނަޝީދުގެ ފަރާތުން އެ މައްސަލާގައި ދަށު ކޯޓަށް ހުށަހެޅި ރައްދު ދައުވާ އެ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

comment ކޮމެންޓް