"ހީރޯޕަންތީ" އާއި "ބާގީ 4"ގެ މަސައްކަތް ޓައިގާ ފަށައިފި

އެކްޓަރު ޓައިގާ ޝްރޮފް---

ބޮލީވުޑްގައި ފިޔަޖަހުން އަންނަ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ"ގެ ދެވަނަ ބަޔާއި އޭނާ ކުޅޭ ބާގީގެ ފްރެންޗައިޒްގެ ހަތަރުވަނަ އިންސްޓޯލްމަންޓްއަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.

ދެ ފިލްމުގެ ސީކުއަލްގެ މަސައްކަތް ޓައިގާ ކުރަމުން އަންނައިރު މި ދެ ފިިލްމަކީ ވެސް ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭ ދެ ފިލްމެވެ. ޓައިގާ ކުރި ޓްވީޓެއްގައި ބުނީ ސާޖިދު އަކީ އޭނާގެ މެންޓޯ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ހީރޯޕަންތީ 2ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބާގީ 4ގެ ޝޫޓިން ފަށާނެ ދުވަހެއް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހީރޯޕަންތީގެ ސީކުއަލްގެ ޝޫޓިން ޑިސެމްބަރު މަހު ފަށާނެ އެވެ. މި ދެ ފިލްމުގެ ޝޫޓިން ދުނިޔޭގެ 25 ގައުމެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

"ބާގީ 4" ޑައިރެކްޓްކުރާނީ އެ ފިލްމުގެ ދެ ވަނަ އަދި ތިން ވަނަ ބައި ވެސް ޑައިރެކްޓްކުރި އަހުމަދު ޚާނެވެ. "ބާގީ"ގެ ފުރަތަމަ ފިލްމުގައި ޓައިގާ އާއެކު ފެނިގެންދިޔައީ ޝްރައްދާ ކަޕޫރެވެ. ދެ ވަނަ ފިލްމުގައި ޓައިގާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ ބަތަލާ ދިޝާ ޕާޓްނީ އެވެ. ތިން ވަނަ ފިލްމު ޓައިގާ އާއެކު ކުޅުނީ ޝްރައްދާ އެވެ. ނަމަވެސް ހަތަރު ވަނަ ފިލްމުގައި ޓައިގާ އާއެކު ފެނިގެންދާނެ ބަތަލާއެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

ހީރޯޕަންތީ 2 އިން ފެނިގެންދާނެ ބަތަލާ އެއް އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުން ފެނިގެންދާނީ ކެޓްރީނާ ކައިފް ނޫނީ ސާރާ އަލީ ޚާންއެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. އެ ފަހަރު ބަތަލާއަކީ ކްރިތީ ސެނަން އެވެ. އެ ފިލްމަކީ ކްރިތީ ވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

comment ކޮމެންޓް