އައިޖީއެމްއެޗް ސްޓްރޯކް ކްލިނިކުން 46 މީހަކަށް ފަރުވާދީފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗު ގައި ގާއިމްކޮށްފައިވާ ސްޓްރޯކް ކުލިނިކުން މިހާތަނަށް 46 މީހަކަށް ފަރުވާ ދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ސްޓްރޯކު ދުވަހާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ސްޓްރޯކު ދުވަހެއް ފާހަގަ ކުރަނީ ސްޓްރޯކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވާ، ސްޓްރޯކު ޖެހުމަށް މަގުފަހިވާ ކަންތަކާމެދު ހޭލުންތެރި ކުރުވުމަށް ކަމަށެވެ.

އައިޖީއެމްއެޗުގައި ސްޓްރޯކް ސެންޓަރެއް ގާއިމްކޮށްފައި ވަނީ މިއަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. މި ސެންޓަރުން 24 ގަދިއިރު ހިދުމަތްދޭއިރު ހަ އެނދުގެ މި ސެންޓަރުގައި އެއް އެނދު ހާއްސަ ކޮށްފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށެވެ. މި ސެންޓަރު ގާއިމްކުރިފަހުން މިހާތަނަށް 40 މީހަކު އެޑްމިޓުކޮށްގެން ފަރުވާ ދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ސްޓްރޯކު ޖެހިގެން އެނދުމަތި ކުރެވޭ ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަކީ ސްޓްރޯކުގެ ސަބަބުން ފުރާނައަށް ނުރައްކާވާމިންވަރު ކުޑަވެ، ސްޓްރޯކަށް ފަހު ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުސަތު ނިސްބަތުން ދަށްވާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ސެންޓަރުން ސްޓްރޯކަށްފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާ ފިޒިއޮތެރަޕީ އާއި ސްޕީޗްތެރަޕީގެ އިތުރުން ޑައެޓިކްސް ފަދަ މުހިއްމު ހިދުމަތްތައް ދޭއިރު ކުރިއަށް އޮތްތަނުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ސޯޝަލް ވޯކަރުންގެ ހިދުމަތްވެސް މި ސެންޓަރުން ދޭނެ އެވެ.

އައިޖީއެމްއެޗުގެ ސްޓްރޯކް ސެންޓަރާއެކު މިދިޔަ މަހު އެ ހޮސްޕިޓަލުގައި ވަނީ ސްޓްރޯކު ކްލިިނިކެއްވެސް ގާއިމްކޮށްފައެވެ. މި ކްލިނިކަކީ ސްޓްރޯކަށް ފަރުވާދީ ދޫކޮށްލާ ބަލިމީހުންނަށް ގަވައިދުން ފަރުވާ ދޭން ގާއިމްކުރި ކްލިނިކެކެވެ. މި ކްލިނިކުގައި މިހާތަނަށް 46 މީހަކަށް ފަރުވާދީފައިވެއެވެ.

comment ކޮމެންޓް