ކިމް ކޭގެ އަގުބޮޑު ޗުއްޓީއާ އެކު ހޫނުފެނަށް!

ކިމް ކާޑޭޝިއަން ދަނީ މިހާރުވެސް ޗުއްޓީ ހޭދަކުރަމުން ---

ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ އެއް ސެލެބްރިޓީ ކަމަށްވާ ކިމް ކާޑޭޝިއަންއަށް ވަނީ ދާދި ފަހުން 40 އަހަރު ފުރިފަ އެވެ. އެކަމުގެ މުނާސަބަތުގައި ކިމް ޗުއްޓީ ހޭދަކޮށްފައި ވަނީ ޕްރައިވެޓް ރަށެއްގަ އެވެ. މަޖާކޮށް ޗުއްޓީ ހޭދަކުރަމުން ކިމް ގެންދިޔަގޮތުން އިންޓަނެޓުގައި އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް ރައްދުވެއްޖެ އެވެ.

ކިމް ކޭގެ އުފަން ދުވަހާ ގުޅިގެން އޭނާ ވަނީ ޕްރައިވެޓް ރަށަކަށް ގޮސް ފޮޓޯ ނެގުމަށް ފަހު ޕޯސްޓުކޮށްފަ އެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގަ އެވެ. އެހެންނަމަވެސް އެކަމެއް އޭނާ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ޗުއްޓީ ހޭދަ ކުރުމަށް އެމެރިކާއިން ބޭރަށް ނިކުމެ މަޖާކުރުމުގައި އުޅެމުން ކިމް ބުނެފައި ވަނީ "ވަރަށް ގިނަ ހެލްތު ސްކްރީންތައް ހަދައި ޓެސްޓުތައް ހެދި" ކަމަށެވެ.

އެއާ އެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ މިހާރު ކިމް އާއި އާއިލާއަށް ރައްދުވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ ކިމް މަޖަލުގައި ވަގުތު ހޭދަކުރަމުންދާއިރު އެއީ ކޮވިޑް-19 އާ ގުޅިގެން އާއިލާއާ ވަކިވާން ޖެހިފައިވާ ފަރާތްތަކަށް ބޮޑު މަލާމާތެއް ކަމަށެވެ.

"މިއީ އަސްލު ވަރަށް ދެރަ ކަމެއް. ބޮޑެތި މަހުޖަނުން ޕްރައިވެޓު ރަށްތަކުގައި މަޖާ ނަގަނީ. އެކަމު އާންމު މީހުން މި ހާލަތުގައި އެންމެންގެ ރައްކަލަށް އާއިލާ ކާރިއަށްވެސް ނުދެވިފައި ޗުއްޓީއަށް،" ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެ އެވެ.

އެމެރިކާގައި ކޮވިޑް-19ގެ އެންމެ ބޮޑު ސްޕައިކް އައިސް ތިންވަނަ ރާޅުގައި މިހާރު އުޅޭއިރު ކިމް އަމިއްލަ ގައުމު ދޫކޮށް މަޖާކޮށް ހެދުމުގައި އުޅޭތީ އެތައް ބަޔަކު ވަނީ ދެރަވެފަ އެވެ. އެއީ އެތައް މިލިއަނެއް ހޭދަކޮށް ޗުއްޓީގައި ކިމް އުޅޭއިރު ބައެއް ފަރާތްތަކުން އުޅެނީ ކާނެގޮތެއް ވެސް ނެތިގެން ކަމަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ބުންޏެވެ.

comment ކޮމެންޓް