އެންސީބީ އަށް ހާޒިރުވާން އެންގުމުން ދީޕިކާގެ މެނޭޖަރު ކަރިޝްމާ ފިލައިފި

ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ--- ފޮޓޯ: ރިޕަބްލިކް

ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ފެންމަތިވި ޑުރަގު މައްސަލާގައި ބަތަލާ ދީޕިކާ ޕަޑުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަލުން ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއަށް (އެންސީބީ) ހާޒިރުވާން އަންގައިފައި ވަނިކޮށް އޭނާ ފިލައިފި އެވެ.

އެންސީބީއިން ވަނީ މިދިޔަ މަހު ދީޕިކާ އާއި ކަރިޝްމާ އާއި ދެމީހުންނާ ސުވާލުކޮށްފަ އެވެ. އަނެއްކާ ވެސް ޑުރަގު މައްސަލާގައި ކަރިޝްމާ އެންސީބީއަށް ހާޒިރުކުރަން އެންގީ އޭނާ ދިރިއުޅޭ ގެއިން 1.8 ގުރާމު ހަޝިޝް ފެނުމާ ގުޅިގެންނެވެ. އެންސީބީ އިން ބުނީ މިވަގުތު އޭނާ ވީ ތަނެއް ވެސް ނޭނގޭ ކަމަށާއި އޭނާއަށް ގުޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. މިއަދުގެ ވަގުތެއްގައި ކަރިޝްމާ އެންސީބީ އަށް ހާޒިރުވާން އެންގިއިރު އޭނާ ދިރިއުޅޭ ގޭ ދޮރުގައި ވަނީ އެންސީބީ އިން ނޯޓިސް ވެސް ހަރުކޮށްފަ އެވެ.

އެންމެ ފުރަތަމަ ކަރިޝްމާ އެންސީބީއަށް ހާޒިރުކުރީ 2017 ވަނަ އަހަރު ދީޕިކާ އާއި އޭނާއާ ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެންނެވެ. އޭރު އޭނާ ބުނީ އޭނާ އަކީ ޑުރަގު ބޭނުންކުރާ މީހެއް ނޫން ކަމަށެވެ. ނަމަވެސް ކަރިޝްމާ ދިރިއުޅޭ ގެއިން ޑުރަގު ފެނުމާ އެކު މިވަނީ ސުވާލުއުފެދިފަ އެވެ.

comment ކޮމެންޓް