އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.
މިއަދު މެންދުރުފަހު ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓަރީ ޕޮމްޕެއޯ ވަނީ ރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އެގައުމުން ދޭ އަހަންމިއްޔަތުކަން ވަރަށް ބޮޑުކަމަށް ވިދާޅުވެ، ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންކަމަށްވެސް ކުރިއަށް ވުރެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މުހިންމުކަން ދޭންޖެހޭ ސަބަބަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ގާނޫނުތަކަށް ބޯނުލަނބައި، ބިރުދެއްކުމުގެ އަމަލުތައް ކުރިޔަށް ގެންދާތީ. [ޗައިނާގެ] މި އަމަލުތަކުން ވަރަށް ސާފުކޮށް ދެކުނު ޗައިނާ ކަނޑުގައި ހިނގަމުންދާ ކަންތައްތަކުން ފެނިގެން އެބަ ދޭ. އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުތަކަށް [ޗައިނާއިން] ހުއްދައާ ނުލައި ވަދެގަންނަ މަންޒަރު އެބަ ފެނޭ. އަދި ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުންދޭ ފަދަ އަމަލުތައް ކުރަމުންދާތަންވެސް ދަނީ ފެންނަމުން،" ޕޮމްޕެއޯ ވިދާޅުވި އެވެ.
ޕޮމްޕެއޯ އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރަށް ވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވަންވެސް ނުކުޅެދިފަ އެވެ.
"ބެއިޖިންގްގެ އަމަލުތަކުން މަޑަގަސްކާއިން ފެށިގެން އިންޑޮނޭޝިއާއާ ހަމަޔަށް އެތައް ގައުމެއްގެ މަސްވެރިކަމަށް ވަނީ ނޭދެވޭ ބޮޑު އަސަރެއް ކުރުވާފައި. އެއާ ހިލާފަށް އެމެރިކާއަކީ ތަފާތު ގައުމެއް. އެމެރިކާއިން ހުރިހާ ގައުމެއްގެ އިސްތިގުލާލަށްވެސް އިހުތިރާމުކުރާނަން. އަޅުގަނޑުމެން ބާރުއަޅަނީ ދެފުށް ފެންނަން، އަދި އެކުވެރިކަމާއި ބައިވެރިވުމަށް. އެ ބިންގަލުގެ މަތީގައި އަޅުގަނޑަށް ޔަގީންކަން އެބަ އޮތް އަޅުގަނޑުމެންގެ މި ދެގައުމުގެ ދެމެދުގައި އިތުރު އާ ފުރުސަތުތަކެއް ހުޅުވާލެވިގެންދާނެކަން." ޕޮމްޕެއޯ ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާއިން އޮތީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އެކަމުގައިވެސް އެހީތެރިވުމަށް ތައްޔާރަށެވެ.
އެމެރިކާއިން ކޮވިޑުގެ ހާލަތުގައިވެސް ރާއްޖެއަށް މާލީގޮތުން އަދި ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ފާހަގަކުރައްވަމުން އެމެރިކާގެ ވެރިކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތްފަހުން އެމެރިކާއިން ރާއްޖެއަށް 40 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާކަން ވެސް ޕޮމްޕެއޯގެ މިއަދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑު މިއަދު ރާއްޖެއަށް މިއައީ ޔުނައިޓެޑް އެމެރިކާއިން ދިވެހިރާއްޖެއާ އެކު އޮތް ގާތްގުޅުމުގެ އަގުވަޒަންކޮށް، ދެ ގައުމުގެ ދެމެދުގައި އެކުގައި މަސައްކަތްކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން އެނގި، މީގެ ކުރިން ދުވަހަކުވެސް އެކުގައި މަސައްކަތް ނުކުރާ މިންވަރަށް ދެ ގައުމު އެކުގައި މަސައްކަތްކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
ޕޮމްޕެއޯ ވިދާޅުވިގޮތުގައި ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތަކާއެކު ފައިދާ ހުރި ގިނަ ވާހަކަތަކެއް މި ދަތުރުފުޅުގައި ވަނީ ދެކެވިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ގުޅުން ކުރިޔަށްވުރެންވެސް އިތުރަސް މިހާރު ވަނީ ބަދަހިވެފައެވެ. ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން އަބަދުވެސް މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިިކް ސަރަހައްދަކަށް ސަޕޯޓުކުރާ ހިނދު އެމެރިކާއާއި ރާއްޖެއާ ދެމެދު އިގްތިސޯދީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ކައުންޓަ ޓެރަރިޒަމްގެ ހަރަކާތްތައް ކުރިޔަށްގެންދާ މިންވަރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އިތުރުވެފައިވާ ކަމަށެވެ.
"އިންޑޯ-ޕެސިފިކް ސަރަހައްދުގައި އަދި ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރަކީ އިތުރުވަމުން އަންނަ މުހިންމު ދައުރެއް. އަދި އަޅުގަނޑުގެ ގައުމުން އެދެ ގޮތަކީ ދިވެހިރާއްޖެ ފަދަ މިނިވަން ޑިމޮކްރަސީގެ އަގުވަޒަންކުރާ ގައުމަކާއެކު ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް." ޕޮމްޕިއޯ ވިދާޅުވިއެވެ.
ޕޮމްޕެއޯ މިއަދު ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ނިންމަވައި ރެޒިޑެންޓް އެމްބެސެޑަރެއްވެސް ކަނޑައަޅުއްވަނޭކަން ވަނީ އިއުލާންކުރައްވާފައެވެ. ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އެމްބަސީ ގާއިމުކުރުމަށް ނިންމި ނިންމެވުމުން އެމެރިކާއިން ރާއްޖެއާއި ދޭތެރޭ މިހަރު ދެކޭގޮތް ވަރަށް ސާފުކޮށް ވަނީ ފެނިގެންގޮސްފައެވެ.
"މިއަދު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، ޑިމޮކްރެސީ ހަރުދަނާކުރުމަށާއި، އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުރަމުން މިގެންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެމެރިކާ ސަރުކާރުން ރާއްޖޭގައި ދާއިމީ އެމްބަސީއެއް ގާއިމުކުރުމަށް ނިންމި ނިންމުމަކީ ތާރީޙީ ނިންމުމެއް. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަސް ބަދަހިވެގެންދާނެ." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަކީ އެމެރިކާ ސަރުކާރުގެ އެންމެ އިސް އެއް ފަރާތްކަމުގައިވާއިރު މިއީ 1992 ވަނަ އަހަރު އެެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެ ވަޑައިގަތްފަހުން އެމެރިކާގެ އިސް ވެރިޔަކު ރަސްމީ ހައިސިއްޔަތުން ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ޕޮމްޕެއޯ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފައެވެ. ސާކް ސަރަހައްދުގެ ތިން ގައުމަކަށް ޕޮމްޕިއޯ ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ވަޑައިގަތުމަށްފަހު ޕޮމްޕެއޯ މިއަދު ހަވީރު ވަނީ ފުރާވަޑައިގެންފައެވެ.