ބަރުލަމާނީ ނިޒާމްގެ ބިލު ބޭރުކޮށްލައިފި، ވޯޓު ދެއްވީ ޖާބިރު އެކަނި

ޖާބިރު: ބަރުލަމާނީ ބިލު ބަލައިގަންނަން ވޯޓު ދެއްވީ އޭނާ އެކަނި -- ފޮޓޯ/ މަޖިލިސް

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވި އެ ބިލު ހުށަހެޅުއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެ ބިލު ނުގަތުމަށް 51 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ބޭއްވި އިރު، ބިލަށް ވާހަކަ ދެއްކެވީވެސް ޖާބިރާއެކު ތިން މެމްބަރުންނެވެ. އެމްޑީޕީގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފު (މަވޯޓާ) ވާހަކަ ދެއްކެވި އިރު، އިދިކޮޅުން ވާހަކަ ދެއްކެވީ މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

އިސްލާހު ހުށަހަޅުއްވާ ސަބަބެއްކަމަށް ޖާބިރު ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމަށާއި، އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއްކަމަށް ކަނޑައެޅިނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދިދައުލަތުގެ އެންމެ މަތީ ވެރިޔަކީ ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

comment ކޮމެންޓް