އާމްދަނީއަށް އަސަރުކުރި މީހުންނަށް 116 މިލިއަން ދޫކޮށްފި

މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން އާމްދަނީއަށާއި ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވެންސުގެ ގޮތުގައި 116.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 10،538 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އެލަވަންސަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ޖުލައި އަދި އޮގަސްޓުގެ އެލަވެންސަށް އެދުމުގެ މުއްދަތު މިހާރު ހަމަވެފައިވާއިރު ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތަކީ ސެޕްޓެމްބަރު އެކަކުން އޮކްޓޯބަރު 30 އަށެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށް މިހާރު ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިމަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމާފައިވާ ކަމަށާ އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އަދިވެސް އިތުރު ކުރާނެ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް