އައު ސީޒަނާ ދިމާކޮށް ހަތަރުވަނަ ކުލަބަކުން ޕްރެކްޓިސް ފަށައިފި

ސުޕަޔުނައިޓެޑުން ރަސްމީ ޕްރެކްޓިސްތައް މިއަދު ފަށައިގެން ކުރިއަށްގެންދަނީ --- ފޮޓޯ// ދިވެހި ޕްރިމިއާ ލީގު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު އަށް ވަނަ ދުވަހު ފެށުމަށް ޝެޑިއުލް ކުރި އިރު، ފުރަތަމަ ޑިވިޝަނުގެ ހަތަރު ކުލަބަކުން ފަރިތަކުރުންތައް ފަށައިފި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މި މަހުގެ ކުރީކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.

އެފްއޭއެމުން އެކުލަވާލި ކޮވިޑް-19 ގެ ގައިޑްލައިނަށް ފެތޭގޮތަށް އައު ސީޒަނާ ދިމާކޮށް އެންމެ ފުރަތަމައިން ފަރިތަކުރުންތައް ފެށީ ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން މާޒިޔާއިން ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާ އިރު، އެ ޓީމުން ވަނީ މިދިޔަ ސީޒަންގައި ކުލަބު ގްރީން ސްޓްރީޓަށް ކުޅުނު ފޯވަޑް މުހައްމަދު އުމޭރުގެ ސޮއި ހޯދާފަ އެވެ.

ޕްރެކްޓިސްތައް ދެވަނައަށް ފެށި ޓީމަކީ ގްރީންސްޓްރީޓްސްއެވެ. މިދިޔަ ސީޒަން ފަށައިގެން ރަނގަޅު ފޯމެއްގައި ލީގުގެ ފުރަތަމަ ހާފު ކުޅުނު ގްރީންއަށް ސީޒަނުގެ ފަހު ބައިގައި ދިމާވި މައްސަލަތަކަށްފަހު، މިފަހަރުގެ ސީޒަނާ އެ ޓީމުން ކުރިމަތިލާނީ ޒުވާން ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ) ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އަދި އަންސަރު އިބްރާހިމް (އަންކޮ) ޓީމުގައި ހިމަނައިގެންނެވެ.

އެހެން ނަަމަވެސް މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) އަދި ފޯވަޑް މުހައްމަދު އުމޭރު ވެސް ވަނީ ގްރީން ދޫކޮށްލާފަ އެވެ. ބަކާ ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އުމޭރު ބަދަލުވީ މާޒިޔާ އަށެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ނުލިބުނު ނަމަވެސް، ދެވަނަ ޑިވަޝަން މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ވެލެންސިއާއިން ވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ.

ވެލެންސިއާއިން ސޮއި ހޯދި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހިމެނެ އެވެ. އަދި މެދުކެނޑުމަކަށް ފަހު އަލުން ރާއްޖޭގެ ލީގަށް އަންނަ އެ ކުލަބުގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއީލް ޒާން އާމިރު ވެސް ވަނީ ވެލެންސިއާއަށް ސޮއި ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގަ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ވެލެންސިއާގެ ޓީމަށް ކުޅުނު ޔޫސްފް ރަމީޒް (ރަމީ) އަދި ކީޕަރު ޝަފީއު (ޗެކް) ވެސް ވަނީ ސޮއި ކޮށްފަ އެވެ.

މީގެ އިތުރުން މިއަދު ވަނީ މި ސީޒަނަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕްރެކްޓިސްތައް ފަށައިފަ އެވެ. ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންވެސް ބެލެންސްކޮށްގެން ސަސްއިން ޕްރެކްޓިސްތައް ފެށި އިރު، ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.

comment ކޮމެންޓް