އެމެރިކާއިން ލަންކާއަށް ބިރު ދައްކާ، ހަނގާ ނުކުރަން ޗައިނާއިން ގޮވާލައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޮކްޓޯބަރު 27): އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ސްރީލަންކާއަށް ވަޑައިގަންނަވާ އިރު ލަންކާއަށް ބިރު ދައްކާ، ހަނގާ ނުކުރަން ޗައިނާއިން ގޮވާލައިފި އެވެ.

ކޮލަމްބޯގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ވާ ގޮތުން އެމެރިކާއިން ޗައިނާ އާއި ލަންކާގެ ގުޅުން ހީނަރު ކުރަން މަސައްކަތް ކުރުމާއި ލަންކާއަށް މަޖުބޫރު ކޮށްގެން ކަންތައް ކުރުވުމަކީ ޗައިނާއިން ދެކޮޅު ހަދާ ކަންތައްތަކެވެ.

"ޗައިނާ އާއި ލަންކާގެ ގުޅުމަށް ހުރަސް އަޅާ، ލަންކާއަށް ބިރު ދައްކާ ހަނގާ ކުރަން އެމެރިކާއިން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދަތުރުފުޅު ބޭނުން ކުރުމަކީ އަޅުގަނޑުމެން ދެކޮޅު ހަދާ ކަމެއް،" ޗައިނާ އެމްބަސީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ލަންކާގައި ކޮރޯނާވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި ޕޮމްޕެއޯ އެގައުމަށް ޒިޔާރަތް ކުރެއްވުމާ ބެހޭ ގޮތުން ޗައިނާއިން ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި އެއީ ލަންކާގެ ރައްޔިތުންނަށް ރަނގަޅު ގޮތެއްތޯ އާއި އެދަތުރުގެ ސަބަބުން ލަންކާއިން ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އެހީ ވެވޭތޯ އެމްބަސީން ސުވާލު އުފެއްދި އެވެ.

ޗައިނާއިން އޭޝިއާ އާއި ޔޫރަޕް ގުޅުވާލުމަށް ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން އެގައުމުން ވަނީ ލަންކާގައި އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް އިންވެސްޓުކޮށްފަ އެވެ. އޭގެ ސަބަބުން ލަންކާގައި ޗައިނާގެ ނުފޫޒު އިތުރުވުމާ ބެހޭ ގޮތުން އެމެރިކާއިން ވަނީ ކަންބޮޑުވެފަ އެވެ. އަދި ޕޮމްޕެއޯގެ ދަތުރުފުޅުގެ ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިސް އޮފިޝަލެއް ކަމަށްވާ ޑީން ތޮމްސަން ވިދާޅުވި ގޮތުގައި ލަންކާއިން އެގައުމުގެ އިގުތިސާދީ މިނިވަންކަން ދިގު މުއްދަތަކަށް ދަމަހައްޓަން ބޭނުން ނަމަ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭނެ އެވެ.

އިއްޔެ އިންޑިއާއަށް ވަޑައިގެންނެވި ޕޮމްޕެއޯ އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ލަންކާގެ އިތުރުން ރާއްޖެ އާއި އިންޑޮނޭޝިއާއަށްވެސް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް