މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ކެމްޕެއިން ކުރި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝުކޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝުކޫރު އަމިއްލަފުޅަށް އިސްތިއުފާ ދީފައި މިވަނީ އޭނަށް ގިނަ ތުހުމަތުތަކެއްކޮށް އެކަންކަން ސާބިތުވާތީވެ، ޖޭއެސްސީން އޭނާ ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. އަދި ރޭ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާ ޖޭއެސީން ނިންމުން ނިންމާފައިވާނީ އިޖުރާއަތްތަކާ އެގޮތަށް ކަމަށް ނިންމާފައެވެ.
ކޮމިޓީން އެކަމުގައި ގޮތެއް ނިންމައި، މިހާރު ތަޅުމަށް ފޮނުވާފައިވާއިރު މިއަދު ޖޭއެސްސީން ބުނީ، ޝުކޫރުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ސިޓީ މިއަދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި ކޮށްފައިވާ ތުހުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު، އޭނާއަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއްވެސް އެ ކޮމިޝަނުން އައީ ބަލަމުންނެވެ.
ޝުކޫރާ ގުޅޭ ގޮތުން ބަލާ އެހެން މައްސަލަތައް:
- ފުލުހުން ކޯޓު އަމުރު ހޯދަން ދިޔުމުން އަމުރު ނެރުމާއެކު ކުށުގެ ވެއްޓަށްދާއިރު އެކަމުގެ މައުލޫމާޓު ލީކްވުމާއި އެކަމުގެ ސަބަބުން ހެކި ނަތިގެން ދިޔުން.
- މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ޝުކޫރާ ގާތް ގުޅުން ބޭއްވުން.
- ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންގެ މަސްތުވާތަކެއްޗާއި އެހެނިގެން ކުށްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޝުކޫރު ހުކުމް ކުރުން.
- އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭފަދަ ކަންކަން ކޮށްފައިވުން.
- ބަންދާމެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ އިރުވެސް ދޫވުމާއި އެ މައްސަލަތަކުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުވުން.
- ކޯޓަށްދާ ފުލުހުންނަށް ޖެއްސުންކުރުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކުން.
- އެ މައްސަލަތައް ބަލަމުން ދާތީ މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގައެވެ.