ޓްރާންސްފާ މާކެޓުގެ އެންމެ ހަރަކާތްތެރި ކުލަބަކަށް ސަސް

ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ކުޅުންތެރިން ސޮއި ކުރުން --- ފޮޓޯ//ސަސް

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ކުލަބުތަކުން މިހާރު ވަނީ ބޭންކް ހުޅުވާލައި، ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ޕްރެކްޓިސްތައް އަލުން ފަށަމުންދާ އިރު ޓްރާންސްފާމާކެޓުގެ ފޯރި ވެސް އޮތީ ގަދަވެފަ އެވެ. އެގޮތުން މިފަހަރުގެ މާކެޓުގައި އެންމެ ކުރީގައި އަދި އުޅެނީ ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ސަސްއިން މިހާތަނަށް ފަސް ކުޅުންތެރިއަކު ވަނީ އެ ޓީމަށް ސޮއި ކޮށްފަ އެވެ. އޭގެ ތެރޭގައި މިހާރު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ތިން ޑިފެންޑަރުން ހިމެނޭ އިރު، އަރަމުން އަންނަ ޒުވާން ދެ ތަރިއެއްގެ ސޮއި ވެސް އެކުލަބުން ވަނީ ހޯދައިފަ އެވެ.

ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ، ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި އެތައް އަހަރެއް ކުޅެފައިވާ އަހުމަދު ޝާފިއު (ޝާފީ)ގެ ސޮއިއާއި، ޑިފެންޑަރެއްގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅޭފުރަތަމަ ޑިވިޝަނުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ އަބްދުﷲ ހަނީފް (ބެންޖޯ)ގެ އިތުރުން ވޭތުވެ ދިޔަ ހަވަރަކަށް އަހަރު ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ވިދުން ގަދަ އެއް ކުލަބު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ވެސް އަންނަ ސީޒަނުގައި ފެނިގެންދާނީ ސަސް އިންނެވެ.

ވަރުގަދަ ޑިފެންސެއްގެ ކުރިއަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ވެސް ސަސްއިން ސޮއި ކުރަމުންދާ އިރު، މިހާތަނަށް ކުރިން ޓީސީ އާއި ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމްއާއި ސަސް އަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަހުމަދު ފަރުހާން (ގައްބެ) ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ސަސްއިން ބުނީ މިއީ، މި ކުޅުންތެރިންނާ އެކު ޓީމަށް އިތުރު ބާރެއް ލިބިގެންދާއިރު، އިތުރު "ސަޕްރައިޒް" ކުޅުންތެރިންތަކެއް ޓީމުން އަދި ފެންނާނެ ކަމަށެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.

ސަސްގެ އިތުރުން މިފަހަރުގެ ޓްރާންސްފާމާކެޓުގައި ދެން އެންމެ ހަރަކާތް ގިނަކޮށް ފެންނަނީ، ވެލެންސިއާ އަދި ގްރީންސްޓްރީޓުންނެވެ.

ވެލެންސިއާއިން ސޮއި ހޯދި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހިމެނެ އެވެ. އަދި މެދުކެނޑުމަކަށް ފަހު އަލުން ރާއްޖޭގެ ލީގަށް އަންނަ އެ ކުލަބުގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއީލް ޒާން އާމިރު ވެސް ވަނީ ވެލެންސިއާއަށް ސޮއި ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގަ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ވެލެންސިއާގެ ޓީމަށް ކުޅުނު ޔޫސްފް ރަމީޒް (ރަމީ) އަދި ކީޕަރު ޝަފީއު (ޗެކް) ވެސް ވަނީ ސޮއި ކޮށްފަ އެވެ.

އާ ސީޒަނަށް ގްރީންއާ ގުޅުނީ ޒުވާން ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ) ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އަދި އަންސަރު އިބްރާހިމް (އަންކޮ) އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި އެކުލަބަށް ކުޅުނު މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) އަދި ފޯވަޑް މުހައްމަދު އުމޭރު ވެސް ވަނީ ގްރީން ދޫކޮށްލާފަ އެވެ. ބަކާ ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އުމޭރު ބަދަލުވީ މާޒިޔާ އަށެވެ.

comment ކޮމެންޓް