ބާޓޮމެއު ހުރީ އަދިވެސް އިސްތިއުފާ ދޭ ގޮތަކަށް ނޫން

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓެމިއު --- ފޮޓޯ//ގެޓީ އިމޭޖެސް

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު އެ މަގާމުން ވަކިކުރުމަށް އެދި 16,250 ކްލަބް މެމްބަރުންގެ ސައްހަ ސޮޔާއެކު ހުށައެޅި ޕެޓިޝަން ފައިނަލްކޮށް އަންނަ މަހުގެ އެއްވަނަ ދުވަހު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ ބޯޑުން ނިންމި ނަމަވެސް، އަދިވެސް އިސްތިއުފާ ދިނުމަށް ބާޓޮމެއު ދެކޮޅު ހަދައިފި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އޯގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން އެކުލަބުގެ ރެޖިސްޓާޑް މެމްބަރުންތަކެއް ވަނީ ބާސެލޯނާގެ ރައީސްއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓްގެ ދޯހަޅި ވާހަކަ މެސީ އޭނާގެ ޓްރާންސްފާ ބަންދުވުމާ ގުޅިގެން މީސްމީޑިއާއާ ހާމަކުރި ހިސާބުން އެކުލަބުގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ވަކިކުރަން ވަގުތުން ވަގުތަށް މަސައްކަތް ފަށައިފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް ފަހު 14 ދުވަހުގެ ތެރޭގައި ބާސާގެ މެންބަރުންގެ ތެރެއިން 15 ޕަސަންޓް މެންބަރުންގެ ސޮއި ހޯދަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 17000 މެންބަރުންނެވެ.

ބާސެލޯނާގެ މެމްބަރުންގެ ތެރެއިން 20،000 އަށް ވުރެން ގިނަ މެމްބަރުންގެ ސޮއިއާ އެކު މިހާރު އެކުލަބުގެ ރައީސް ބާޓޮމެއު ވަކިކުރަން ޕެޓިޝަން ހުށައަޅާފައިވާ އިރު މިހާރު ވަނީ ޕެޓިޝަނުގެ ސައްހަކަން ބެލުމުގެ މަރުހަލާ ވެސް ނިމިފަ އެވެ. އެގޮތުން އިތުބާރުނެތް ކަމުގެ ވޯޓަކަށް ދާން ބޭނުންވާ އަދަދަށް ސައްހަ ވޯޓު ދީފައިވާކަން ބާސެލޯނާގެ ބޯޑުން ވަނީ މިފަހުން ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން ކެޓަލޫންޏާގައި ބާސެލޯނާގެ ގިނަ މެމްބަރުންތަކަކަށް ވޯޓް ލުމުގެ ކަންތައް ފުރިހަމަ ކުރެވިދާނެތޯ ސުވާލު އުފެދިފައި އޮތުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ބާޓޮމެއުއާ އެކު ބާސެލޯނާގެ ބޯޑުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ވޯޓު ލުމުގެ އިންތިހާބެއް ކުރިއަށް ގެންދިއުމުގެ މާހައުލެއް އޮތްތޯ ބެލުމަށް ސަރަހައްދީ ކަމާބެހޭ ސިއްހީ އިދާރާތަކަށް މިހާރު ވަނީ ހުށައަޅައިފަ އެވެ.

އަދި ސިއްހީ އިދާރާތަކުން ފުރުސަތު ދީފި ނަމަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު، ނޫނީ ދެވަނަ ދުވަހު މި އިންތިހާބު ކެޓަލޫންޏާގައި ބޭއްވިގެން ދާނެ ކަމަށާއި، އެ ކަމަށް ހާއްސަ 13 ވޯޓު ފޮށި އެކި ސަރަހައްދުތަކުގައި ބެހެއްޓިގެންދާނެ ކަމަށް ބާސެލޯނާގެ ބޯޑުން ވަނީ ބައްދަލުވުމަށްފަހު އާއްމު ކުރި އިއުލާނުގައި ބުނެފަ އެވެ.

ބާސެލޯނާގެ ރައީސް ބާޓޮމެއު ވަނީ މިދިޔަ ބުރާސްފަތި ދުވަހު، އިތުރު 15 ދުވަސް އިންތިހާބު ފަސްކޮށްދިނުމަށް އެދި ބޯޑަށް ހުށައަޅައިފަ އެވެ. އެހެން ނަމަވެސް ބާޓޮމެއުގެ ބޭނުންވި ގޮތަށް 15 ދުވަސް ފަސްކޮށްދެވެން ނެތް ކަމަށް ބާސެލޯނާގެ ބޯޑުން އޭރު ވަނީ ނިންމައިފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން ޕެޓިޝަން ހުށައަޅާ، އެ ޕެޓިޝަނުގެ ސައްހަ ވޯޓުތައް ގުނާ ނިމުމުން 14 ދުވަސްތެރޭގައި ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފި ނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ ކުރިން ދެ ފަހަރަކަށް ބާސެލޯނާގެ ރައީސް ވަކިކުރަން ވަނީ ވޯޓަކަށް ގޮސްފަ އެވެ. އެއީީ 1998 ވަނަ އަހަރު ލުއިސް ނުނެޒްއާއި 2008 ވަނަ އަހަރު ޖޯއާން ލަޕޯޓާ ވަކިކުރުމަށެވެ. އެކަމަކު މި ދެފަހަރުވެސް ވޯޓް ނިމިގެން ދިޔައީ އޭރު ތިބި ރައީސުންނާ އެއްކޮޅަށެވެ.

comment ކޮމެންޓް