އިސްލާމުންނަށް ޖެއްސުންކުރާތީ ޕާކިސްތާނުން ފްރާންސަށް އިންޒާރުކޮށްފި

އިސްލާމް އާބާދު (އޮކްޓޯބަރު 26) : ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނަށް ހިއްވަރު ދެއްވުމާ އަދި އިސްލާމްދީނާއި މެދު މީހުންގެ ހިތްތަކުގައި ހަސަދައާއި ނަފްރަތާ އަދި ބިރުވެރިކަން އުފައްދަން ފަރަންސޭސި ރައީސް އިމާނުއެލް މެކްރޯން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމާދެކޮޅަށް އިހްތިޖާޖު ކުރުމަށްޓަކައި ޕާކިސްތާނުގައި ހުންނަވާ ފަރަންސޭސި ސަފީރު ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނީ އެގައުމުގައި ހުންނަވާ ފަރަންސޭސި ސަފީރު މާކް ބެރެޓީ ޚާރިޖީ ވުޒާރާއަށް އިއްޔެ ހާޒިރުކޮށް ފަރަންސޭސި ރައީސް މެކްރޯންގެ އަމަލުތަކަކީ ޕާކިސްތާންގެ ސަރުކާރާއި ރައްޔިތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ނާތަހުޒީބީ އަމަލުތަކެއްކަމާއި އެކަންހުއްޓާލުމަށް ފަރަންސޭސިވިލާތަށް އަންގައި އެކަމާބެހޭ އިހްތިޖާޖުގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފައިވާ ކަމުގައެވެ. މި ލިޔުމުގައި އިސްލާމް ދީނަށް ޖެއްސުން ކުރުމުގެ އަމަލުތަށް ފަރަންސޭސިވިލާތުން ހުއްޓާނުލާނަމަ ސަފީރު ބޭރުކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ތުރުކީ ރަސްމީ ސިފައެއްގައި ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓް ކުރަން ގޮވާލައިފި

މެކްރޯން އިސްލާމް ދީނަށާއި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް އަމާޒުކޮށް ދެއްވާ ބަހުގެ ހަމަލާތަކުގެ ސަބަބުން އިސްލާމީ އެތަށް ގައުމެއްގައިވަނީ ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓް ކުރުމުގެ ވަރުގަދަ ހަރަކާތްތަކެއް ފަށާފައެވެ. ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓް ކުރުމުގައި ރަސްމީ ސިފައެއްގައި އެންމެ ކުރީ ސަފުގައި އުޅޭ އެއްގައުމަކީ ޕާކިސްތާނެވެ. އަނެއް ގައުމަކީ ތުރުކީއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ

ތުރުކީގެ ރައީސް ވަނީ އެގައުމުގެ ރައްޔިތުންނަށް ފަރަންސޭސި އުފެއްދުންތަށް ނުގަތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެރުދުޣާން ވަނީ ފަރަންސޭސި އުފެއްދުންތަށް މީގެފަހުން ތުރުކީއަށް އިންޕޯޓް ނުކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

އިމްރާން ޚާން ގެ ސިޓީއެއް ފޭސްބުކް އަށް

އަނެއްކޮޅުން އިސްލާމްދީނާ މެދު ނަފްރަތު އުފައްދާ ލިޔުންތަކާއި ވީޑިއޯތަކާއި މެސެޖްތަކާއި އޯޑިޔޯތަށްފަދަ ތަކެތި ފޭސްބުކްގައި ޖެހުން ހުއްޓުވުން އެދިވަޑައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްއަށް މިދިޔަ ހޮނިހިރުދުވަހު ސިޓީފުޅެއް ފޮނުއްވާފައެވެ. ޖަރުމަނުގެ ނާޒީ ޒައީމް އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ޔަހޫދީންނާ ދެކޮޅަށް އޭނާ ހިންގި ކަމަށްބުނާ ހޮލޮކޯސްޓް އާ ދެކޮޅަށް ދައްކާވާހަކަތަށް ފޭސްބުކްގައި މަނާކޮށްފައިވާގޮތަށް ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އާއި އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ހަސަދައާއި ބިރުވެރިކަމާ އަދި ނަފްރަތު އުފެއްދުމާބެހޭ ވާހަކަތަށް (އިސްލާމް ފޯބިއާ) ފޭސްބުކްގައި ޝާއިޢުކުރުން މަނާކޮށްދިނުން އެސިޓީގައި ޒަކަބާގް ގެ ކިބައިން އިމްރާންޚާން އެދިވަޑައިގެންގައިވެއެވެ.

ފަރަންސޭސި ރައީސް މެކްރޯން މުސްލިމުންނާ އަދި އިސްލާމްދީނާ ދެކޮޅަށް ހިންގަވާ ނާތަހުޒީބު އަމަލުތަކާ ގުޅިގެން މުސްލިމުން ވަނީ ސޯޝަލް މީޑިއާގައި ފަރަންސޭސި އުފެއްދުންތަށް ނުގަނެ ބޮއިކަޓް ކުރުމަށް ގޮވާލާ ވަރުގަދަ ކޭންޕޭނެއް މިދިޔަ ހަފްތާގައި ފަށާފައެވެ. މި ކޭންޕޭން ގެ ފޯރި ގަދަވެފައިވާއިރު އިސްލާމީ އެތަށް ގައުމަކުން ރަސްމީ ސިފައެއްގައި މުސްލިމުންގެ މިކޭންޕޭނަށް ވަނީ ތާއީދުކޮށްފައެވެ. އިއްޔެވެސް އިސްލާމީ އިތުރު 9 ގައުމަކުންވަނީ މެކްރޯން ކުށްވެރިކޮށް ފަރަންސޭސިވިލާތާ ދެކޮޅަށް ރަސްމީ ސިފައެއްގައި ބަޔާންތަށް ނެރެފައެވެ.

ފަރަންސޭސިވިލާތުގެ ބިޔަކުންފުނި ޓޮޓާލް ބޭރުކޮށްލާނެ ކަމުގެ އިންޒާރު ލީބިޔާއިން ދީފި

ލީބިޔާއިންވަނީ އެގައުމުގެ ތެލުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރަންސޭސިވިލާތުގެ ބިޔަ ކުންފުނި ޓޮޓާލް ގެ މަސައްކަތްތަށް ލީބިޔާގައި ވަގުތީގޮތުން މަނާކޮށްފައެވެ. އަދި ފަރަންސޭސިވިލާތުން އިސްލާމް ދީނަށް ޖެއްސުންކުރުންމަތީ ދެމިއޮންނަނަމަ އެކުންފުނި ލީބިޔާއިން ބޭރުކޮށްލާނެ ކަމުގެ އިންޒާރުވެސް ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ވަނީ ދީފައެވެ. ޓޮޓާލް ލީބިޔާއިން ބޭރުކޮށްލައިފިނަމަ ފަރަންސޭސިވިލާތަށް އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުން ލިބޭނެކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ނެރުނު ބަޔާނެއް ބުނެއެވެ.

ފަރަންސޭސިވިލާތަކީ ޒަމާނަކު ދުނިޔޭގެ ބޮޑުބާރަކަށް ވީނަމަވެސް މިހާރު އިގްތިސާދީ ގޮތުން ކުރިއަރަމުންދާ އޭޝިއާގެ ގައުމުތަކާ އަޅާބަލާއިރު ފަރަންސޭސި އިގްތިސާދަކީ މާ ހަރުދަނާ އިގްތިސާދެއްނޫނެވެ. އާބާދީ މުސްކުޅި ވުމުގެ ސަބަބުންނާއި ޒަމާނީ ޓެކްނޮލޮޖީގައި ފައިހަމަނުކުރެވޭތީ އާއި ގުދްރަތީ ވަސީލަތްތަށް މަދުކަމުން ފަރަންސޭސި އިގްތިސާދަށްވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެެހެންކަމުން އިސްލާމީ ހުރިހާ ގައުމުތަކަކުން (ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ގައުުމުތަށް ހިމެނޭގޮތަށް) ފަރަންސޭސި އުފެއްދުންތަކާއި ފަރަންސޭސި ކުންފުނިތަށް ރަނގަނޅަށް ބޮއިކަޓްކޮށްފިނަމަ ފަރަންސޭސިވިލާތަކީ އިގްތިސާދީ ގޮތުން އިނދަޖެހިދާފަދަ ހާލަތެއްގައި އޮތް ގައުމެކެވެ. (ނޫސް އެޖެންސީތަށް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު