ކޯމަސް ބިއުޓީ: ރާއްޖޭގެ ފުރަތަމަ މޭކަޕް ބްރޭންޑު!

އުމުރުން އެންމެ 25 އަހަރުގެ ދިވެހި ޒުވާނަކު މިފަހަރުވެސް ތަފާތުކަމެއް ކޮށްލައިފަ އެވެ. "ކޯމަސް ބިއުޓީ"ގެ ނަމުގައި ދިވެހި ފުރަތަމަ މޭކަޕް ބްރޭންޑު މި ވަނީ ބާޒާރަށް ނެރެފަ އެވެ. އޮކްޓޯބަރު މަހުގެ 25 ގައި، ކޯމަސް ބިއުޓީ އިން ތައާރަފް ކުރީ މޭކަޕް ޕެލެޓްއަށް ދީފައިވާ ނަމަކީ "މޫދު" އެވެ.

"ކޯމަސް ބިއުޓީ"ގެ ފަހަތުގައި ހުރި ޒުވާނާ ބުނާގޮތުގައި މި ހިޔާލެއް އޭނާގެ ބޮލު ތެރޭގައި އެނބުރޭތާ މިހާރު ދެ އަހަރެއް ވަރު ވެދާނެ އެވެ.

ރާއްޖޭގައި ތައުލީމު ހާސިލްކޮށް، 2008 ވަނަ އަހަރު ކޮލަމްބޯ އަށް ބަދަލުވެ ތައުލީމު ފުރިހަމަ ކުރުމަަށްފަހު، ސޯޝިއޮލޮޖީގެ ދާއިރާއިން އިނގިރޭސިވިލާތުން ޑިގްރީ ހާސިލްކޮށް ރާއްޖެ ބަދަލުވި އެވެ. މިދިޔަ 10 ވަރަކަށް އަހަރުގެ ގިނަ ދުވަސްތައް އޭނާ ހޭދަކުރަން ޖެހުނީ ރާއްޖެއާ ދުރުގައި ކިޔެވުމުގަ އެވެ. އެކަމަކު އެ ޒުވާނާ ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް، ރާއްޖެއަށް އޮތް ލޯބި ކުޑަކޮށްވެސް ފަނޑެއް ނުވެ އެވެ. ހިތުގައި ރާއްޖެއަށް އޮތް ލޯބި ހަމަ އެ ގޮތުގައި އަބަދުވެސް އޮތެވެ. އެ ލޯބީގެ ނިޝާނަކަށް މިވީ، "ކޯމަސް ބިއުޓީ"ގެ ދިވެހި މޭކަޕް ބްރޭންޑެވެ.

ކޯމަސް ބިއުޓީގެ އައިޝެޑޯ ޕެލެޓް ''މޫދު' --ފޮޓޯ:ކޯމަސް ބިއުޓީ

އޭރުވެސް އަދި މިހާރުވެސް މޭކަޕްއަކީ އޭނާގެ ޕެޝަން އެވެ. މާކެޓިން ސައިކޮލޮޖީގެ ދާއިރާއިން މާސްޓާސް ހެދުމަށް ވިސްނުން ހުރިއިރު، ކުރެހުމާއި، އާޓްގެ އެކިއެކި ދިމާތަކަށް ދޫވެފައިވާ އެ ޒުވާން ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން އެކުވެރި އަކަށްވެސް ވީ މި ފަންނެވެ. މާލެ ބަދަލުވުމަށްފަހު ހެއާ ސްޓައިލިން ދަސްކުރުމަށްޓަކައި ނަދާ ސެލޫންގެ އިންޓާންއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރި އެވެ. ކޯމަސް ބިއުޓީގެ ތަސްވީރު ހިތުގައި ފެވެން ފެށީ އެހިސާބުންނެވެ.

"2018ގެ އޮކްޓޯބަރު ހިސާބުގައި ނަދާ ސެލޫން ގައި އިންޓާންއެއްގެ ގޮތަށް މަސައްކަތްކުރަން ފެށީ. އެއީވެސް އަސްލު ހެއާ ދަސްކުރަންވެގެން. އެހެން ހުއްޓާ އެއްދުވަހު އަޅައިގަތީ އާބަން ޑިކޭގެ އައިޝެޑޯ ޕެލެޓެއް. އެ ފެނިފަ ހިތަށް އައީ އަމިއްލަ މޭކަޕް ބްރޭންޑެއް އުފެއްދުމުގެ ހިޔާލު" އެ ޒުވާނާ ކިޔައިދިނެވެ.

އޭގެ ދުވަސްތަކެއް ފަހުންވެސް އެ ހިޔާލެއް އޭނާގެ ހިތަކުން ފިލައިގެނެއް ނުދިޔަ އެވެ. މީގެ ކުރިން ދުވަހަކުވެސް ކުރަން ގަސްތުކުރި، ނުވަތަ ކުރާނެ ކަމަށް އުންމީދު ވެސް ނުކުރާ މަސައްކަތެއްކަމުން އެ ހިޔާލުތަކާއި ހުވަފެންތަކުގައި، މަޑުޖެހިފައި އޭނާއަށް ހުރެވުނީ އެވެ. އެއަށްފަހު، މިކަމުގެ ތެރެއަށް ރަނގަޅަށް ވަދެވި، ދިރާސާ ކުރަން ފެށުނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ސިންގަޕޫރާއި ކެނެޑާގެ ފެކްޓްރީތަކާ ވާހަކަދައްކާ މަސައްކަތް ފަށައިގަނެވި އޭނާއަށް ސާމްޕަލްތަކެއް ތައްޔާރުކުރެވޭ ހިސާބަށް ދެވުނެވެ.

"ކޮންމެ ދެ ހަފްތާއަކުން ވާޗުއަލްކޮށް ބައްދަލުވުންތައް ކުރިއަށްދޭ. ސާމްޕަލްތައް ފައިނަލައިޒް ކުރުމުގައި އެންމެ ބޮޑަށް ބެލީ ގިނައިރު ހުންނަ ހުރުމަށާއި، ޕިގްމެންޓޭޝަން އަށް. ގާތްގަނޑަކަށް ޖުލައި 2019 އިން ފެށިގެން ޑިސެމްބަރާއި ހަމައަށް ކުރިއަށްދިޔައީ ހަމަ ހުސްވެސް ޓެސްޓިން. މުޅި ޕެލެޓްގެ ޑިޒައިން ފައިނަލްކޮށް، ޝޭޑްސް ފައިނަލް ކުރީ މި ޖެނުއަރީ މަހުގައި،" ކޯމަސް ބިއުޓީގެ ފަރާތުން ބުންޏެވެ.

ކޯމަސް ބިއުޓީގެ އައިޝެޑޯ ޕެލެޓް ''މޫދު' -- ފޮޓޯ:ކޯމަސް ބިއުޓީ

ކޯމަސް ބިއުޓީ އިން ބުނާގޮތުން "މޫދު" ޕެލެޓްގެ އެންމެ ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ބެލީ ދިވެހިންގެ ހަމުގެ ކުލަ އާއި އެންމެ ގުޅޭ އަދި މަގުބޫލު ބްރޭންޑެއް ކަމަށްވާ "ހުދާ ބިއުޓީ" އާއި "މެކް" އަށެވެ.

ޕެލެޓް ހުޅުވާލުމުން، ދިވެހި ގޮނޑުދޮށެއްގެ ހުދު ދޮންވެލިގަނޑާއި، ވިލު ނޫކުލައިން ޖަރީވެފައިވާ މޫދާއި، ދިވެހި މުއްސަނދި ސަގާފަތް ރަމްޒުކޮށްދޭ ރަން ފައްޓަރުބައި ލޮލަށް ސިފަވާ ކަހަލަ އެވެ. ޖުމްލަ 12 ޝޭޑު މި ޕެލެޓްގައި ހިމެނޭއިރު، ކޮންމެ ކުލައަކީވެސް ރާއްޖޭގެ ވެއްޓާއި، ދިވެހިންގެ ސަގާފަތް ރަމްޒުކޮށްދޭ އަދި ދިވެހިންގެ ހަމުގެ ކުލަތަކާއި ނުހަނު ގުޅޭ ކުލަތަކެވެ. ކޮންމެ ކުލައަކަށްވެސް ދިވެހިވަންތަ ނަމެއް ދީފައިވާ އިރު، ލުކާ އާއި ލައެލް އަކީ އޭނާގެ އާއިލާއަށް މިފަހުން އިތުރުވި ތުއްތު ދެ މެންބަރުންނަށް ހާއްސަކޮށްގެން ދިން ނަންތަކެކެވެ.

ދިވެއްސެއްގެ ފުރަތަމަ ދިވެހި މޭކަޕް ޕެލެޓް "މޫދު" ތައާރަފް ކުރިތާ އެންމެ ދެ ދުވަސްތެރޭ މުޅި ސޯޝަލް މީޑިއާ ގުގުމާލާފައިވަނީ މި ނަމުންނެވެ. ދިވެހި މޭކަޕް އާޓިސްޓުންގެ ތައުރީފު މި ޕެލެޓަށް އެބަ އޮތެވެ. ދިވެހި ޒުވާން އަންހެންކުދީންނާއި، އާޓިސްޓުންނަށް "މޫދު" އިން އިތުރު ފަހުރެއް ގެނެސްދީފި އެވެ. ފަންނުވެރިންނާއި މޭކަޕްގެ ރޮނގުން ކުރިއަށްދާން ތިބި އެތަށް ބަޔަކަށް އާ އުންމީދުތަކަކާއި ހިތްވަރެއް ގެނެސްދީފި އެވެ.

ޕެލެޓްގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ ހާއްސަ ކަންކަމެވެ. ހުނަރުވެރިކަމާއި ފަންނުވެރިކަމެވެ. ޕެލެޓްގެ ކަވާގައިވާ ކުރެހުމަކީވެސް ކޯމަސް ބިއުޓީގެ ފަހަތުގައި ހުރި ޒުވާނާ އަމިއްލައަށް ކުރެހާފައިވާ އޭނާގެ ވަރަށް ހާއްސަ ކުރެހުމެކެވެ. ކޯމަސް ބިއުޓީގެ ފަރާތުން އިތުރު އައިޝެޑޯ ޕެލެޓެއް ނެރުމުގެ ވިސްނުން ގެންގުޅޭއިރު، މިހާރުވެސް މަސައްކަތްކުރަމުންދަނީ ދެކުނު އޭޝިއާގެ ހަމުގެ ކުލަތަކާއި ގުޅޭނެ ހައިލައިޓާސް ތަކެއް ވެސް އުފެއްދުމަށެވެ. ކޯމަސް ބްރޭންޑުގެ ފުމުން އަދި އޮތީ ކުރިއަށެވެ.

comment ކޮމެންޓް