ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލައިފި އެވެ.
ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ އުފުލީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަން ނުޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ޖިހާދު އަމަލުކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއްވެސް އެއިން އެއްވެސް ފައިސާއއް ނުލިބޭ ގޮތަށެވެ.
ޖިހާދުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.
ގާނޫނުގައި ވާގޮތުން އެ ކުއްކުރާ މީހެއްގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.
މައްސަލައަކީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި މައްސަލަ އެކެވެ. 2016 ވަނަ އަހަރު އެ ކޮމިޝަނުން ނިންމީ މައްސަލާގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެހެން ފަހުން އެ މައްސަލަ ބަލައި ދިނުމަށް ޕީޖީ އޮފީހުން އެދުނީ ޕްރެޒޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގަ އެވެ.