ލޮކްޑައުން އަށް ދިން ލުޔާއެކު ވިޔަފާރިތައް ކުރިއެރި، އަގުތައް ދިޔައީ މައްޗަށް

މަޖީދީމަގު ފިހާރައެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19ގެ ސަބަބުން ގެނައި ލޮކްޑައުން އަށް ދިން ލުއިތަކާއެކު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ކުރިއަރައިގެން ދިޔަ ކަމަށް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފި އެވެ.

އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު އެ އިދާރާއިން ކުރިއަށްގެންދާ އެ ސާވޭގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ލޮކްޑައުންގެ ސަބަބުން އަހަރުގެ ދެވަނަ ކުއާޓަރުގައި ގިނަ ވިޔަފާރިތައް އޮތީ ހުއްޓިފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މިދާއިރާގައި މާގިނަ އާ ވަޒީފާތަކެއް އުފެދިފައެއް ނުވެ އެވެ. ނަމަވެސް ތަކެތީގެ އަގު އުފުލިފައިވާކަން ވަނީ ފާހަަގަކޮށްފަ އެވެ.

ކުރިއަށް އޮތް ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ އިތުރުަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ވިޔަފާރިތަކުން ހޯދާ ލޯނު ލިބުމުގައިވެސް ކުރިއަށް އޮތް ކުއާޓަރުގައި އިތުރަށް ފަސޭހަވާނެެ ކަމަށް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް