މި ދުވަސްވަރަކީ އެކި ގައުމުތަކުން ރާއްޖެއަށް ދޫނި ހިޖުރަކުރާ މޫސުން ކަމަށާއި ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އެތަކެއްޗަށް ގޯނާ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވައިރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި އެގޮތުން ހިޖުރަކުރާ ދޫންތައް ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔާތްކޮށްފައި ކަމަށެވެ.
"ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް،" އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ފުޓްބޯޅަ ދަނޑުތަކާއި ހާމައަށް ހުންނަ ބިންތަކާއި ހިއްކާފައި ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އީޕީއޭ އަށް ލިބެމުންދާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެން ކަމުން ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
ރާއްޖެއަށް ހުޖުރަކުރާ ދޫނި ހިފުމުގެ އިތުރުން އެއިން އެއްވެސް ބާވަތެއްގެ ދޫނި ގެންގުޅުމަކީ ވެސް މަނާކަމެކެވެ. އެ ދޫނީގެ ބިސް ނެގުމަކީ ވެސް މަނާކަމެކެވެ. ހާއްޔަށް ގޯނާ ކުރުމަކީ ވެސް އަދަބު ލިބޭނެ ކުށެކެވެ.
އެއުން އަމަލެއް ކޮށްފި ނަމަ 500ރ. ރުފިޔާއިން ފެށިގެން 50،000ރ. އަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް އޮންނާނެ އެވެ.