ޔައުގޫބަށް މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް ވަގުތީ އަމުރެއް ނެރެނުދިން

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ -- ސަން ފޮޓޯ

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ މަޖިލީހަށް ވަޑައިގެން ޒިންމާ އަދާ ނުކުރެއްވޭނެ ގޮތަށް އަމުރެއް ނެރެދިނުމަށް އެދުމުން، އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފު ވިދާޅުވާ ގޮތުގައ،ި ދައުލަތުގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގައި ހުންނަން ޖެހޭ ޝަރުތެކެވެ. އެހެންކަމުން، ޔައުގޫބު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ ހަވާލުވެވަޑައިގަތުމުން އެ ޝަރުތު ގެއްލިފައިވާ ކަމަށާއި އެހެންވެ، އޭނާގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ހަލީމްއާއި އައްސަދު ވިދާޅުވެ އެވެ.

އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޔައުގޫބަށް މަޖިލީހަށް ހާޒިރު ނުވެވޭ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެ އެވެ. ނަމަވެސް، މިއަދު ފަނޑިޔާރުން ނިންމެވީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ. އެއީ އެފަދަ އަމުރެއް ނެރުނަސް މައްސަލަ ހުށަހެޅި ފަރާތަށް އެކަމުން ގެއްލުމެއް ނުވާނެތީ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުންވެސް ބަހުސްކޮށްފަ އެވެ. ޔައުގޫބުގެ ފަރާތުން ބުނެފައި ވަނީ މެމްބަރު ކަމުން ވަކިވާނެ ކަމެއް އޭނާ ކުރައްވާފައި ނުވާ ކަމަށެވެ.

ޔައުގޫބާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި 73 ވަނަ މާއްދާއާ ޔައުގޫބު ހިލާފްވެވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ. ގާނޫނު އަސާސީގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ސިޔާދަތެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައި ބުނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި މެމްބަރުކަމުން ވަކިވާނެ ހާލަތްތައް އަދި މެމްބަރެެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ އެވެ.

ޔައުގޫބުގެ ފަރާތުން ބުނި ގޮތުގައި 73 ވަނަ މާއްދާގައިވާ ފަދަ މަގާމެއް އަދާ ކުރިޔަސް އެއީ ގޮނޑި ގެއްލޭނެ ކަމެއް ނޫނެވެ. ގާނޫނުއަސާސީ އެކުލަވާލި އިރު އެ މާއްދާ އެގޮތަށް އެކުލަވާލީ އެ ސަބަބަށް ނޫން ކަމަށްވެސް ޔައުގޫބުގެ ފަރާތުން ބުނެފައިވެ އެވެ. ޔައުގޫބުގެ ފަރާތުން އެދިފައި ވަނީ ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ފާޑުކިޔުން އަމާޒުވުމުން ޔައުގޫބު ވަނީ އިންސްޓިޓިއުޓް އޮފް ޗާޓާ އެކައުންޓެންޓްސްއިން އިސްތިއުފާ ދެއްވައި އެކަން އިއުލާނުކުރައްވައިފަ އެވެ. އެެހެންވެ އައްސަދުގެ ފަރާތުން ފާހަގަކުރަނީ އެ މަގާމާ ހަވާލުވި ކަމަށް ޔައުގޫބު އިންކާރު ނުކުރާ ކަމެވެ. އަދި މަގާމުން ވަކިވެއްޖެ ކަމަށް ޔައުގޫބަށް އިއުތިރާފުވެވިފައިވާ ކަމަށްވެސް މިއަދު ބުނެފައިވެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބު ދޭން އެދޭ ސުވާލުތަކެއް ފަނޑިޔާރުން ކުރެއްވުމަށްފަހު އެވެ.

މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

comment ކޮމެންޓް