މެމްބަރުން މިނިސްޓަރުންނަށް ގުޅައި، ދާއިރާގެ ކަންކަމުގައި ނުކިޔުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، މިއަދު މަޖިލިސް ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރުމުގެ ތެރެއިން މެމްބަރަކު ދެއްކެވި ވަހަކައަކާ ގުޅިގެންނެވެ.
އެގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކަންބޮޑުވުން ފާޅު ކުރެއްވީ ދާއިރާގެ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް މިނިސްޓަރު އިމްރާނާ ފޯނުން ނުގުޅޭތީ އެވެ. އަދި ދާއިރާގެ ކަންކަމުގައި މައުލޫމާތު ސާފުވާނީ މަޖިލީހަށް ހާޒިރުކޮށްގެން އެކަނިތޯ އޭނާ ސުވާލު އުފެެއްދެވި އެވެ.
އިކްރާމް އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ، ދާއިރާގެ ކަންކަން ސާފު ކުރަން ވާނީ މިނިސްޓަރަށް ގުޅައިގެން ނޫން ކަމަށާއި މެމްބަރާ މެދު ގުޅުން ގައިމްކުރައްވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްގެން ކަމަށެވެ.
"ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވައުދުވެވަޑައިގެންވީ ނަމަވެސް، މި މަޖިލިސް މެދުވެރިކޮށް، ވަޒީރާ ގުޅުން ގައިމުކުރަން ވަނީ ސުވާލު ކުރައްވައިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތަށް މެމްބަރާއި ވަޒީރަކާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ސަބަބުން ފޯނުން ގުޅައިގެން ދައިރާގެ ކަންކަން ކުރުމަށް އެދޭނަމަ، އެހެން ދާއިރާތަކުގެ މެދުގައި ތަފާފާތުކުރުމަށް މަގުފަހުވެގެން ދާނެ ކަމަށެވެ. އަދި ނިޒާމް ބައްޓަންވެފައި ވަނީ އެގޮތަށް ކަންކަން ކުރުމަށް ނޫން ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
"ގާތް ކަމުން، ރަހުމަތްތެރިކަމުން، އެކުވެރިކަމުން، ފޯނުކޮށްލައިގެން ކަންކަން ކުރެއްވުމުން ނުހަމަކޮށް ދާއިރާތަކަށް ކަންކަން ސަރުކާރުން ކުރެވޭތަން ނުވަތަ ފަހިވާތަން ފެނިގެން ދަނީ. މަޖިލިސް މެމްބަރުން، ވަޒީރު ބޭފުޅުންނަށް ގުޅުއްވާލައިފައި އަޅުގަނޑުގެ އެވެނި ކަމަކޭ ދާއިރާގެ އެވެނި ކަމެކޭ، މިވެނި ކަމަކޭ [ކުރަން ދެންވެވުމަކީ]، އެއީ އެއް ނޫން އަޅުގަނޑުމެންގެ އިންތިޒާމަކީ، ނިޒާމަކީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މެމްބަރު އިކްރާމްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝިދު ދެއްކެވި ވާހަކާ ގުޅުވައި، މިނިސްޓަރު އިމްރާން ވިދާޅުވީ، އޭނާއަށް ވީވަރަކުން ހުރިހާ މެމްބަރުންގެ ކަންބޮޑުވުންތައް އައްސަވަމުން ގެންދަވާ ކަމަށެވެ.
ބައެއް ވަޒީރުން، ބައެއް އެމްޑީޕީ މެމްބަރުންގެ ދާއިރާތަކާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންގެ މެދުގައި މީގެ ކުރިންވެސް ކަންބޮޑުވުންތަކެއް ހުއްޓެވެ. އަދި ބައެއް ދާއިރާތަކުގެ ކަންކަން ކުރަނީ އެ ވަޒީރެއްގެ ގާތް މެމްބަރުންގެ ދާއިރާތަކަށް ކަމަށް އެ މެމްމަބެރުން ތުހުމަތު ކުރެ އެވެ.