ބަހްރައިން އާއި އިސްރާއީލް އިން ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި

އިސްރާއީލުން ބަހްރައިންއަށް ދިޔަ ޑެލިގޭޝަނަކުން ވަނީ އެގައުމާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ -- ފޮޓޯ: ރޮއިޓާސް

މަނަމާ (އޮކްޓޯބަރު 20): ބަހްރައިން އާއި އިސްރާއީލް އިން ސުލްހަވެ، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބަހްރައިންގެ ފޮރިން މިނިސްޓަރު އަބްދުﷲ އާތިފް ބިން ރަޝީދު އަލް ޒިޔާނީ އިސްރާއީލާ އެކު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވީ އިސްރާއީލްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މެއިރު ބިން ޝަބަތު ބަހްރައިންއަށް ވަޑައިގަތުމުންނެވެ. އެ އެއްބަސްވުމުގައި ދެ ގައުމުން ވަނީ "އެއް ގައުމުން އަނެއް ގައުމުގެ ސިޔާދަތަށާއި ސުލްހަވެރިކަމާ އެކު ދިރިއުޅުމުގެ ހައްގަށް އިހުތުރާމު ކުރުމަށާއި ހުރިހާ ދެބަސްވުންތައްވެސް ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް" ނިންމާފަ އެވެ.

އިސްރާއީލުން ބަހްރައިންއަށް ދިޔަ ވަފުދުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ދަ ޓްރެޝަރީ ސްޓީވެން މަނޫޗިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޭނާ ވަނީ އެ އެއްބަސްވުމަކީ "ސަރަހައްދީ ހަމަޖެހުމަށް" އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ސުލްހައިގެ އެއްބަސްވުމުގެ އިތުރުން ބަހްރައިން އާއި އިސްރާއީލުން ވަނީ ވިޔަފާރި އާއި ވައިގެ ދަތުރާއި މުވާސަލާތާއި ބޭންކިން އާއި ދަނޑުވެރިކަމާ ގުޅުން ހުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންތަކެއްގައި ސޮއިކޮށްފަ އެވެ.

ބަހްރައިން އިން އިސްރާއީލާ ގުޅުން ގާއިމު ކުރަން ނިންމާފައިވާކަން އިއުލާން ކުރީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އެފަދައިން ނިންމާފައިވާކަން މިދިޔަ އޮގަސްޓު މަހު ހާމަ ކުރި ފަހުންނެވެ. އެއާ އެކު އެ ދެ ގައުމު ވަނީ އިސްރާއީލާ ގުޅުން ގާއިމު ކުރި ތިން ވަނަ އަދި ހަތަރު ވަނަ އަރަބި ގައުމުތަކަށްވެފަ އެވެ.

މީގެ ކުރިން އިސްރާއީލާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއި ކުރީ 1979ގައި މިސްރުންނާއި އުރުދުން އިން 1994ގަ އެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ. އަދި ޔޫއޭއީ އާއި ބަހުރައިން އިން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް