ބޮޑެތި ވިޔަފާރިތަކަށް 544 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި

ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 384 ވިޔަފާރިއަކަށް ޖުމްލަ 544.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް އަށް މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 579 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފަ އެވެ. މިހާތަނަށް 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން ލޯނަށް ހުށަހެޅި 16 އެޕްލިކޭޝަނެއް ރިޖެކްޓް ކޮށްފައިވެ އެވެ.

ކޮވިޑް ރިކަވަރީ ސުކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ.

ކޮވިޑް ރިކަވަރީ ލޯނު ސުކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާ އެކު ތައާރަފްކުރި ލޯން ސުކީމެކެވެ. މި ސުކީމުގެ ދަށުން ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިވެގެންނެވެ.

މި ސުކީމުގެ ދަށުން ރިސޯޓުތަކަށް ލޯނު ދޫކުރަނީ އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭއެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯނެއް ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް، އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާ ވެފައިވާ އަދި ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮޒިޓިވް ރިސޯޓު ވިޔަފާރިތަކަށެވެ.

ރިސޯޓު ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެނުއަލް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތިން ހޯދާފައިވާ އަދި އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭ އެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯން ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާވެފައިވާ ނަމަ އެވެ.

މި ލޯނު ސުކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭއިރު، ލޯނު އިންޓްރެސްޓަކީ އަހަރަކު ހަ ޕަސެންޓެވެ.

comment ކޮމެންޓް