ކުޅުދުއްފުށީގައި ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެއް

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު: --- ފޮޓޯ: ކުޅުދުއްފުށި.ކޮމް

ކުޅުދުއްފުށި ސިޓީގައި ކޮވިޑް19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޮވިޑް19ގެ ކޭސްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން ރޭ ހަތަރު މީހަކު އެ ރަށުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަމެދު މިއަދު މަޝްވަރާ ކޮށް، ގައިޑެންސް ދީފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް ފެންނަ ގޮތުގައި އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

އެޗްއީއޯސީ އިން ބުނީ ކުޅުދުއްފުށިން ފެނުނު ކޭސްތަކާ ގުޅޭ އިތުރު ތަފްސީލު ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރާނެ ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ފުލުހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސް އާއި ގުޅިގެން އެ ސިޓީ މޮނީޓަރިން އަށް ލުމަށްފަހު މިމަހުގެ ހަ ވަނަ ދުވަހު ވަނޯ މޮނީޓަރިންގެ ހާލަތު އުވާލައިފައެވެ. އެ ކޭސް އާއި ގުޅުގެން ކުޅުދުއްފުށީގެ އިތުރުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ށ. ފުނަދޫ، ހއ. ބާރަށް އަދި ހދ. ކުރިނބީވެސް އޭރު މޮނީޓަރިންގެ ހާލަތަށް ގެންދިޔައެވެ.

ކުޅުދުއްފުށިން ފެނުނު ކްލަސްޓާ އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކޮންމެެހެން ބޭނުން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް އެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކުޅުދުއްފުށީގައި މިވަގުތު 53 ގެއެއް ވަނީ މޮނީޓަރިންގައެވެ.

comment ކޮމެންޓް