130 ކިލޯ ޑްރަގު މައްސަލާގައި ހައްޔަރުކުރި އަހުމަދު މޫސާގެ ބަންދު މުއްދަތު އިތުރުކޮށްފި

އަހުމަދު މޫސާ

ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ޑްރަގު ނެޓްވޯކުގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރޭހިމެނޭ އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަސް މިއަދު އިތުރުކޮށްފައިވާ ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ ދިވެހީންގެ ބަޔަކާ ބޭރުގެ ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެ އެތެރެކުރި ތަކެތި ކަމަށާއި، މަސްތުވާތަކެތި ފެނުނު ދޯންޏަކީ އެތަކެތި ރާއްޖެ އެތެރެކުރަން ބޭނުންކުރި ދޯނިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ފެނުނު ޑްރަގުގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިންއާއި ހެރޮއިންއެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ބަލައި ފާސްކުރިއެވެ.

ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ވަނީ ޖަހާފައެވެ.

އަހުމަދު މޫސަގެ ބަންދަށް މީގެ ކުރިން ކޯޓުން ޖެހީ ފަސް ދުވަހެވެ. އޭނާ އާއެކު ހައްޔަރު ކުރި ޝަހީބު އިބްރާހީމާއި އިތުރު ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އޭރު 15 ދުވަސް ޖެހިއެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް