އައްޑޫ އެއާޕޯޓުގެ ވެލުއޭޝަން ހަދަން އަލުން އިއުލާނުކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަނެއް ހެދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނު ބާތިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ އެ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް އަލުން އިއުލާނުކޮށް ފިނޭންސް އިން ބުނީ އެ މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރަންސްއާ އެއްގޮތަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަން ތައްޔާރުކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް ބާއްވާ ޕްރީ ބިޑް މީޓިން މިމަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ހުޅުވާފައި ވަނީ 2016 ވަނަ އަހަރު އެވެ. ސަރުކާރައި އެމްއޭސީއެލް އަދި ކާސާ ހޯލްޑިންގްސް ހިއްސާވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ އެ ކުންފުނިން ވަނީ މި އަހަރުގެ ތެރޭގައި ދޫކޮށްލައިފަ އެވެ.

އައްޑޫ އެއާޕޯޓުގައި އޮންނަނީ 3.4 ކިލޯ މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓުގެ ރަންވޭއަކީ ބޮއިންގް 777 ގެ ބޯޓު ފަހަރާއި އޭ380 މަރުކާގެ ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ރެސްޓޯރެންޓާއި ޑިޔުޓީ ފްރީ ފިހާރަތައް ވެސް އެބަހުއްޓެވެ. ނަމަވެސް ފްލައިޓުތައް ނުބާއްވާތީ އެތަންތަނުގެ ބޭނުމެއް ނުކުރެވެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 17 މިލިއަން ޑޮލަރު (262.14 މިލިއަން ރުފިޔާ) އިންވެސްޓް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން އައްޑޫ އަށް ސައުތު އެފްރިކަން އެއާލައިންސް އަދި ސްރީލަންކަން އިންވެސް ދަތުރުތައް ކުރި އެވެ.

comment ކޮމެންޓް