ބާކޫ (އޮކްޓޯބަރު 18): ނަގޯރްނޯ ކަރަބާޚްގެ މައްސަލާގައި އަރުމީނިއާ އާއި އަޒަރުބައިޖާނުން ދެމުންދިޔަ ހަމަލާތައް ހުއްޓާލަން އިއްޔެ އެ ދެ ގައުމުން ހެދި އެއްބަސްވުމާ ހިލާފުވި ކަމަށް އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ތުހުމަތުކޮށްފި އެވެ.
އަރުމީނިއާ އާއި އަޒަރުބައިޖާނުން ރެއިން ފެށިގެން ހަމަލާތައް ހުއްޓާލަން އާ އެއްބަސްވުމެއް ހެދީ، މިދިޔަ މަހު ފެށުނު އެ ހަމަލާތައް މި މަހުގެ 10ގައި ހުއްޓާލަން ދެ ގައުމުން އެއްބަސްވި ނަމަވެސް އަނެއްކާވެސް ހަމަލާ ބަދަލު ކުރުން ކުރިއަށްގެންދިޔުމުންނެވެ.
އަރުމީނިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތެއްގައި ރޭ ދެ ފަހަރެއްގެ މަތިން އަދި މިއަދު ހެނދުނުވެސް އަޒަރުބައިޖާނުގެ އަސްކަރިއްޔާއިން ވަނީ ނަގޯރްނޯ ކަރަބާޚް ސަރަހައްދުގައި އާޓިލެރީ އަދި ރޮކެޓު ހަމަލާތައް ދީފަ އެވެ. އަދި އަޒަރުބައިޖާނުން ބުނި ގޮތުގައި އެއްބަސްވުމާ ފުރަތަމަ ހިލާފުވީ އަރުމީނިއާއިންނެވެ. އެހެންކަމުން އެގައުމުން އެ ހަމަލާތަކަށް ރައްދު ދިނީ އެވެ.
މީގެ އިތުރުން އިއްޔެ އަޒަރުބައިޖާނުން ވަނީ އެގައުމުގެ ޖަންޒާ ސިޓީއަށް އަރުމީނިއާއިން މިސައިލް ހަމަލާއެއް ދިން ކަމަށް ބުނެފަ އެވެ. އެ ހަމަލާގައި 13 މީހަކު މަރުވެ، 50 މީހަކަށް އަނިޔާވި އެވެ. ނަމަވެސް އަރުމީނިއާއިން ވަނީ އެގައުމުން އެފަދަ ހަމަލާއެއް ނުދޭ ކަމަށް ބުނެފަ އެވެ.
ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ނަމަވެސް އެސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނެވެ. ނަގޯރްނޯ ކަރަބާޚް އަޒަރުބައިޖާންގެ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގައި ތުރުކީގެ އުޘްމާނީ ޚިލާފަތު ބަލިވުމަށްފަހު، އެހިސާބުގަނޑަށް އަތްގަދަކުރި އޭރުގެ ރޫސީ ރަސްކަމުގެ ނިޒާމުން އެސަރަހައްދު ބައިކޮށް ސަރަހައްދީ ރޮނގު ކުރެހުމުގެ ތެރޭގަ އެވެ. އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އަރުމީނިއާ އާއި އަޒަރުބައިޖާން އޮންނަ މުޅި ސަރައްދު އޮތީ އުޘްމާނީ ޚިލާފަތުގެ ބައެއްގެ ގޮތުގަ އެވެ.
އަރުމީނިއާ އާއި އަޒަރުބައިޖާނަށް މިނިވަންކަން ލިބުނީ 90 ގެ އަހަރުތަކުގެ ކުރީކޮޅު ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) ރޫޅިގެން ދިޔުމާ ގުޅިގެންނެވެ. އޭގެ ފަހުން ނަގޯރްނޯ ކަރަބާޚް ގެ މައްސަލާގައި ދެ ގައުމުން ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުން ގޮސްފައިވެ އެވެ.
މިފަހަރުގެ ހަމަލާތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27ގައި އެވެ. އެ ހަމަލާތަށް އިސްވެފެށީ އަޒަރުބައިޖާނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަޒަރުބައިޖާނުން ހަމަލާތަށް ފެށީ ނަގޯރްނޯ ކަރަބާޚް އަކީ އެގައުމުގެ ސަރަހައްދަކަށްވި ނަމަވެސް، އަރުމީނިއާގެ އެހީތެރިކަމާއެކު ނަގޯރްނޯ ކަރަބާޚް ގެ މިނިވަންކަމަށް މަސައްކަތްކުރާ އަރުމީނިއާގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އެސަރަހައްދު ބާއްވަމުން ގެންދާތީ އެވެ.