ޕާކިސްތާނުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އިމްރާންޚާންގެ ސަރުކާރު ވައްޓާލަން ނުކުމެއްޖެ

ޕާކިސްތާނުގެެ އިދިކޮޅު އެއްވުމުގައި އެގައުމުގެ އިދިކޮޅު ލީޑަރުން ވާހަކަ ދައްކަވަނީ

އިސްލާމް އާބާދު (އޮކްޓޯބަރު 18) : ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންގެ ސަރުކާރު ދަމަހައްޓަނީ އެގައުމުގެ ބާރުގަދަ ސިފައިން ކަމަށާއި ސަރުކާރަށް އާންމުންގެ ތާއީދު ގެއްލިއްޖެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ އިދިކޮޅު މައި ދެ ޕާޓީކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް ޕާޓީ އާ އަދި އެނޫން ކުދި ސިޔާސީ ޕާޓީތައް ގުޅިގެން އިމްރާންޚާންގެ ސަރުކާރާ ދެކޮޅަށް ޕަންޖާބުގެ ގުޖުރާންވާލާގެ މައި ސްޓޭޑިއަމްގައި ހުކުރުދުވަހުގެ ރޭ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަ ދެއްކެވި އިދިކޮޅު ލީޑަރުން ވަނީ އިމްރާންޚާންގެ ސަރުކާރަށް ރައްޔިތުންގެ ގެއްލިފައިވާ ކަމަށް ވިދާޅުވެ އެސަރުކާރު މިހާރު ދަމަހައްޓަނީ ސިފައިންގެ އިސް ޖެނެރަލުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލު ބުއްޓޫ އިދިކޮޅު އެއްވުމުގައި

މި އެއްވުމުގައި ޕީޕީޕީގެ ލީޑަރު ބިލާވަލް ބުއްޓޫ (ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން) އާއި ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ޝާހިދު ޚާޤާން ޢައްބާސީއާއި އިދިކޮޅު އިއްތިޙާދުގެ ލީޑަރު މައުލާނާ ފަޟުލުއްރަޙުމާން ވެސް އިމްރާންޚާންގެ ސަރުކާރު ވައްޓާލަންޖެހޭ ކަމަށް ވިދާޅުވެ ފޯރީގައި ވާހަކަ ދެއްކެވި އެވެ.

ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ ނަވާޒް ޝަރީފުވަނީ ލަންޑަނަށް ވަޑައިގެންފައި

މީގެ އިތުރުން ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ ޖަލުން ނުކުމެވަޑައިގެން ލަންޑަނަށް ވަޑައިގެން އުޅުއްވާ ކުރީގެ ބޮޑުވަޒީރު އަދި މުސްލިމް ލީގް ނަވާޒް ޕާޓީ ގެ ލީޑަރު ނަވާޒް ޝަރީފުވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ އެއްވުމުގައި ވާހަކަ ދެއްކެވި އެވެ. ނަވާޒް ޝަރީފަކީ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެގެން ޖަލަށްލާފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާގެ ސިއްޙީ ހާލުކޮޅަށް ރިއާޔަތް ކުރުމަށް ފަހު ބޭސްފަރުވާއަށް އޭނާ ވަނީ އެނބުރި ވަޑައިގަންނަވާ ގޮތަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް ބޭސްފަރުވާއަށްފަހު އެނބުނރި ގައުމަށް ވަޑައިގެންފައެއް ނުވެ އެވެ.

ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފު އެއްވުމުގައި ވާހަކަ ދައްކަވަނީ

ޕާކިސްތާނުގެ އިދިކޮޅު މައި ދެޕާޓީ ކަމަށްވާ ޕީޕީޕީ އާއި ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް ޕާޓީ ގުޅިގެން އިދިކޮޅު ކުދިޕާޓީތަކާ އެކު ޖުމްލަ 11 ޕާޓީއެއް އެކުވެގެން މިދިޔައަހަރު ވަނީ އިމްރާންޚާންގެ ސަރުކާރު ވައްޓާލުމަށް އަމާޒުކޮށްގެން އިދިކޮޅު އިއްތިޙާދެއް އުފައްދާފަ އެވެ. ނަމަވެސް އިންތިހާއަށް ސިޔާސީ ގޮތުން ވާދަވެރި މިޕާޓީތަކަށް ގުޅިގެން މަސައްކަތް ކުރެވޭވަރެއް ނުވެ އެވެ. މިއިއްތިޙާދު ދާދިއަވަހަށް ބައިބައި ވެގެންދާނެކަމަށް މުހައްލިލުން ވަނީ ލަފާކުރައްވައިފަ އެވެ.

އިމްރާންޚާންގެ ސަރުކާރުގެ ޕާފޯމަންސް ރަނގަނޅުކަމުން އިދިކޮޅަށް ތާއީދެއްނެތް

އަނެއްކޮޅުން އިދިކޮޅު އިއްތިޙާދުން މިގޮތަށް މަސައްކަތް ކުރިނަމަވެސް ނަވާޒް ޝަރީފުގެ ވެރިކަމުގައާއި ޕީޕީޕީގެ ވެރިކަމުގައި އިނދަޖެހިފައިވާ ޕާކިސްތާނުގެ އިގްތިސާދު އަލުން ނަގައި ކޮޅަށް ޖެހުމާއި ފަގީރުކަން ކުޑަކުރުމުގައި އިމްރާންޚާންގެ ސަރުކާރުން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް އެޕާޓީތަކުގެ މެންބަރުންގެ ތާއީދު ފިޔަވައި އެނޫން ތާއީދެއް ނެތްކަމަށް ރިޕޯޓްތަށް ބުނެ އެވެ.

މީގެ އިތުރުން ހީކުރިވަރަށް ވުރެ ރަނގަނޅަށް ކޮވިޑް-19ގެ ކަންތައްވެސް އިމްރާންކާންގެ ސަރުކާރުން މެނޭޖްކޮށްފައިވާތީއާއި އިދިކޮޅު މައި ދެޕާޓީ ކަމަށްވާ ޕީޕީޕީ އާއި ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް ޕާޓީ ގެ ލީޑަރުންނަކީ އެބޭފުޅުންގެ ވެރިކަމުގައި ކޮރަޕްޝަންގެ ކަންތައްތައް އިންތިހާއަށް ހިންގަވައި އާންމުންގެ މެދުގައި މަގްބޫލުކަން ގެއްލިފައިވާ ބޭފުޅުން ކަމަށްވުމަކީ ވެސް މިއެއްވުމަށް ރައްޔިތުންގެ ތާއީދު ހޯދުން ދަތިވާނެ ސަބަބެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރިވަރާ ގާތަށް ވެސް އާންމުން ގޮސްފައިނުވާއިރު އެތަނަށް ހާޒިރުވީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި އެމީހުންގެ ސަޕޯޓަރުންކަން ވެސް ވަނީ ހާމަވެފަ އެވެ.

އިމްރާންޚާންގެ ވެރިކަމުގައި ޕާކިސްތާނުގެ އިގްތިސާދުވަނީ ރަނގަނޅުވާން ފަށާފައި

ޕާކިސްތާނުގެ އިގްތިސާދު ރަނގަނޅު ކުރުމަށް އިމްރާންޚާންގެ ބޮޑުވަޒީރުކަމުގައި ފެއްޓެވި މަސައްކަތްތަކުން ރައްޔިތުންގެ ހާލަތަށް އެދެވޭ ބަދަލުތަކެއް އަންނަން ފެށިތަނާ ކޮވިޑް-19 ގެ ވަބާއާއެކު ޕާކިސްތާނުގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ކަންތައް ޕާކިސްތާނުގައި ބޮއްސުންލައިގެން ނުދިޔުމާއި ޗައިނާގެ އިގްތިސާދީ އެހީއާ އެކު އިމްރާންޚާންގެ ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ވަނީ ހަމައަކަށް އެޅެން ފަށައިފަ އެވެ.

އިމްރާންޚާން

ކާބޯތަކެތީގެ ބައެއްތަކެތީގެ އަގު ބޮޑުވުން ފިޔަވައި މާބޮޑު ދަތިތަކެއް ކޮވިޑް އާ ގުޅިގެން ރައްޔިތުންނަށް ތަހައްމަލްކުރަން ޖެހިފައި ނުވުމަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ގިނަބަޔަކު މަގުމައްޗަށް ނެރުމަށް އިދިކޮޅު ފަރާތްތަކަށް އުނދަނގޫ ވެގެންދާނެ ކަމަށް މުހައްލިލުން ވިދާޅުވެ އެވެ. އަނެއްކޮޅުން ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ފުރިހަމަ ސަޕޯޓް އިމްރާންޚާންގެ ސަރުކާރަށް ލިބިފައިވުމުން އއޭނާގެ ސަރުކާރު ވައްޓާލުމަކީ މިހާރަށް ބަލާއިރު މުސްތަހީލް ކަމެއްކަމަށް ވެސް އެފަރާތްތަކުން ދެކެ އެވެ.

އިމްރާންޚާން ވިދާޅުވަނީ އިދިކޮޅުގެ އެއްވުންތަކާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް

ޢިމްރާން ޚާން ވަނީ ރައްޔިތުންގެ ތާއީދު އޮތީ އޭނާގެ ސަރުކާރަށް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތަތަކުގެ އެއްވުންތަކާ މެދު ކަންބޮޑުވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އެއްވާ އެއްވުންތަކާ ގުޅިގެން ދެއްވި ބަޔާނެއްގައި އިމްރާންޚާން ވިދާޅުވީ ކަންބޮޑުވުމެއް ނެތްކަމަށާ އެމީހުންގެ ހަރަކާތްތަކަށް ހުރަސް ނާޅުއްވާނެ ކަމުގަ އެވެ.

އިދިކޮޅު މައި ދެޕާޓީ ކަމަށްވާ ޕީޕީޕީ އާއި ނަވާޒް ޝަރީފުގެ މުސްލިމް ލީގް ނަވާޒް ޕާޓީގެ ލީޑަރުންނަކީ ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ ޚަޒާނާ ވަގަށްނަގައި ގައުމުގެ މުއްސަދިކަން ލޫޓުވާލައިގެން ތިބި ކޮރަޕްޓް ބައެއްކަން ރައްޔިތުންނަށް އެނގޭނެކަމަށާ އެބޭފުޅުންނަށް ރައްޔިތުންގެ ތާއީދު ނުލިބޭނެކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު