އެންއައިސީއަށް ގާސިމް އައްޔަން ކުރަން ކޮމިޓީއިން ފާސްކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތް ފާޅާ އަރުވާލި ގާސިމް އަބްދުލްކަރީމް ----- ސަން ފޮޓޯ: ފަޔާޒު މޫސާ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލި، (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު، ޅ. ނައިފަރު ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ފާސްކޮށްފި އެވެ.

އެންއައިސީއިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރުމުންނެވެ. އޭނާ ވަކި ކުރުމުން ހުސްވެފައިވާ މަގާމަށް ގާސިމް އައްޔަން ކުރަން ނަން ފޮނުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އޭނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މި މަހުގެ 14 ވަނަ ދުވަހު ފާސްކޮށްފަ އެވެ. އޭނާގެ ނަން ކޮމިޓީއިން ފާސްވީ ވޯޓު ދެއްވި 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާ އަރުވާލުމުން "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ގާސިމް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށްލި އެވެ. ހުކުމް ތަންފީޒުކޮށް ނިމުުން، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިހާރު ގާސިމް އަކީ މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަނެވެ.

comment ކޮމެންޓް