އަބްދުﷲ ގާޒީ ހާޒިރު ނުކުރި ސަބަބު ބުނެދިނުމަށް ހައިކޯޓުން ސިފައިންނަށް އަންގައިފި

ހައި ކޯޓްގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެ ކޯޓަށް ހާޒިރުކޮށްދެއްވާފައި ނުވާ ސަބަބު މިއަދު 2:00 ގެ ކުރިން އޮޅުން ފިލުވައި ދިނުމަށް ގައުމީ ދިފާއީ ބާރަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.

އަދި އިސް ގާޒީ ވަގުތުން ދޫކޮށްލުމަށް އެންގި އަމުރަށް ތަބާ ނުވީ ކީއްވެގެންކަން އޮޅުން ފިލުވައި ދިނުމަށް ވެސް މިއަދު ވަނީ ހައި ކޯޓުން އަންގާފަ އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ވަގުތުން ވަގުތަށް ދޫކޮށްލުމަށް އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި އެ ކޯޓުން ނެރުނު އަމުރާއި އިއްޔެ މެންދުރު 2:00 އަށް އަބްދުﷲ ގާޒީ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް އެމްއެންޑީއެފް ގެ މައްޗަށް ކުރި އަމުރަށް ތަބާވެފައި ނުވާތީ، އެ އަމުރުތަކަށް އަމަލުނުކުރި ސަބަބު މިއަދު 2:00 ގެ ކުރިން އަންގަވައިދެއްވުމަށް މިއަދު އެމްއެންޑީއެފް އަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މައްޗަށް ހައިކޯޓުން އިއްޔެ ރޭ ދަންވަރު ކުރި އަމުރުގައި ބުނަނީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓަކުން ނެރޭ އަމުރަކުން ކަމަށް ފަނޑިޔާރުންގެ ގާނޫގައި ބަޔާންވެގެންވާއިރު، ހައިކޯޓުން އެފަދަ އަމުރެއް ނުނެރެނީސް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށްވާތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފްގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އިއްޔެ މެންދުރު ފަހު 2:00 އަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން އަމުރުކުރީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓަކީ ބާތިލް ޗިޓެއް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިޔުމަށެވެ.
އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ އިއްޔެ ހާޒިރުކޮށްނުދިނުމުން އަބްދުﷲ ގާޒީގެ ދެ ވަކީލުންގެ ހާޒިރުގައި ހައިކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށްގެންގޮސްފަ އެވެ.

ގައުމީ ދިފާއީ ބާރުގެ މީޑިޔާ އޮފިޝަލު ވިދާޅުވީ "އަމުރަށް ތަބާނުވީ ކަމަށް ނުބުނެވޭނެ" ކަމަށެވެ. ދެން ވިދާޅުވީ ހައިކޯޓްގެ ސިޓީއެއް ލިބިފައިވޭތޯ ބައްލަވާނެ ކަމަށެވެ.

ޑިފެން މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ރޭ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެއްވެވީ އިސް ގާޒީ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައި ފުލުހުންގެ މަސައްކަތައް ތަފާތު ހުރަސްއެޅުއްވުމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލި އަމާންވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ނުކުޅެދި އޭގެ ސަބަބުން ފުލުހުންގެ ޤާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެދަށުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވެ ދިނުމަށް ސިފައިންނަށް ސިޓީ ފޮނުވުމުން ކަމަށެވެ.

ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވެފައި ވަނީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށްފަހު އަބްދުﷲ ގާޒީ ބަހައްޓާފައި ހުންނެވި ތަނެއް މިހާތަނަށް ވެސް ބުނެދީފައި ނުވާ ކަމަށެވެ.

އަބްދުﷲ ގާޒީ ވީތަނެއް އެނގޭ ފަރާތެއް މިހާތަނަށް މަތިވެފައި ނުވާއިރު އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރާ މީހުން ވަނީ އަބްދުﷲ ގާޒީވީތަނެއް އޮޅުން ފިލުވައި ދިނުމަށް އެދި ފުލުހުންނަށް މައްސަލައެއް ވެސް ރޭ ހުށަހަޅާފަ އެވެ. އަދި ރޭގެ މުޒާހަރާގެ ތެރޭގައި އަބްދުﷲ ގާޒީއަށް އަނިޔާ ކުރި ކަމަށް ބުނާ ހަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު