ރޭޕްކުރާ މީހުން ދަންޖައްސަން ބަންގްލަދޭޝްއިން ނިންމައިފި

ބަންގްލަދޭޝްގައި ރޭޕްއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން

ރޭޕްކުރާ މީހުން ދަންޖައްސަން ބަންގްލަދޭޝް އިން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ކެބިނެޓް ސެކެޓްރީ ޚަންދުކާރު އަންވަރުލް އިސްލާމް ވިދާޅުވީ ރޭޕްކުރާ މީހުން ދަން ޖެއްސޭ ގޮތަށް ވިމެން އެންޑް ޗިލްރަން ރިޕްރެޝަން ޕްރިވެންޝަން އެމެންޑްމެންޓް ބިލެއްގެ ޑްރާފްޓް މިހާރު އެޕްރޫވް ވެސް ކޮށްފައިވާ ކަމަށެވެ.

އާ ބިލްގައި ރޭޕްކުރާ މީހުން އުމުރަށް ޖަލަށް ލުމާއި ދަން ޖެއްސުމުގެ ހުކުމް ކަނޑައަޅައިފައިވެ އެވެ.

ރޭޕްކުރާ މީހުން މިހާރުވެސް ބަންގްލަދޭޝްގައި އުމުރަށް ޖަލަށް ލަ އެެވެ.

ރޭޕްކުރާ މީހުން ދަން ޖެއްސޭގޮތަށް ގާނޫނު އިސްލާހުކުރަން ނިންމިއިރު ރޭޕްއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް މިހާރު ދަނީ ކުރަމުންނެވެ. ރޭޕްކުރާ މީހުން ދަންޖެއްސުމަށް އެދި ވެސް އެ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ.

މިއީ ބަންގްލަދޭޝްގައި ރޭޕްއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށި ފުރަތަަމަ ފަަހަރުވެސްމެ އެވެ.

ރޭޕާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާތައް ފެށުނީ ބަންގްލަދޭޝްގެެ ފިރިހެނުންތަކެއް އަންހެނަކު ބަރަހަނާކޮށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

ވީޑިއޯއިން ފެންނަ އަންހެން މީހާ ބުނީ މިދިޔަ އަހަރު އޭނާއަށް ބަޑިން ބިރުދައްކައި ރޭޕްކުރި ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދައިފި ނަމަ "ގޭންގް ރޭޕް" ކޮށްލާނެކަމުގެ އިންޒާރު ދިންކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ފަހުން އެ އަންހެން މީހާ ވަނީ ގޭންގަކުން ރޭޕްކޮށްލައިފަ އެވެ. އަދި އެއާ ގުޅޭ ވީޑިއޯތަކެއް ބޭނުންކޮށްގެން ފައިސާއަށް ބްލެކްމެއިލްކުރި ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ އަންހެން މީހާ ވަނީ ފައިސާ ދޭން އިންކާރުކޮށްފަ އެވެ. އޭނާގެ ވީޑިއޯ ލީކްކޮށްލީ ފައިސާ ދޭން އިންކާރު ކުރުމުންނެވެ.-- އަލްޖަޒީރާ

comment ކޮމެންޓް