ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ތުރުކީން އަނެއްކާވެސް ފަށައިފި

ތުރުކީގެ ރިސާޗް ބޯޓު އޮރުޖް ރެއިސް ވަނީ އަނެއްކާވެސް މެޑިޓެރޭނިއަން ކަނޑުގެ އިރުމައްޗަށް ފޮނުވާފަ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (އޮކްޓޯބަރު 13): މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ގްރީސް އާއި ތުރުކީއާ ދެމެދު ކަނޑުގެ ބޯޑަރާ ބެހޭ ގޮތުން އަރާރުން އުފެދިފައިވާ ސަރަހައްދެއްގައި ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރަން ތުރުކީން އަނެއްކާ ވެސް އުޅަނދެއް ފޮނުވައިފި އެވެ.

މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ތެލާއި ގޭސް ހޯދުމުގެ މަސައްކަތަށް ތުރުކީން އެންމެ ފުރަތަމަ އެގައުމުގެ އޮރުޖް ރެއިސް ބޯޓު ފޮނުވީ އޮގަސްޓު 10ގަ އެވެ. ނަމަވެސް މިދިޔަ މަހު އެ މަސައްކަތް މެދުކަނޑާލުމަށް ފަހު އަލުން ފަށާ އިރު އެ މަސައްކަތުގައި ތުރުކީގެ އިތުރު ދެ ބޯޓު ބައިވެރިވާނެ ކަމަށާއި އެ ސާވޭ 10 ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް ތުރުކީގެ އެނާޖީ އެންޑް ނެޗުރަލް ރިސޯސެސް މިނިސްޓްރީން ބުންޏެވެ.

"އަޅުގަނޑުމެން [އެ ސަރަހައްދު] ބަލައި ހޯދުމާއި ތޮރުފުމާއި އަޅުގަނޑުމެންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" އެ މިނިސްޓްރީން ބުންޏެވެ.

ތުރުކީން އެ މަސައްކަތް ކުރިއަށްގެންދާ ސަރަހައްދަކީ ގްރީސްގެ ކަނޑުގެ ސަރަހައްދެއް ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެއީ ދެ ގައުމުގެ ބޯޑަރުގެ މައްސަލަަ ތުރުކީން އިތުރަށް ގޯސް ކުރުމުގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.

ނަމަވެސް ތުރުކީން ވަނީ އެގައުމާ 9.3 މޭލު ދުރުގައި އޮންނަ ސަރަހައްދެއްގައި އެގައުމުން ކުރާ މަސައްކަތަށް ދެކޮޅު ހެދުމުގެ ހައްގެއް ގްރީސް އަށް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

ތުރުކީން އޮގަސްޓު މަހު ފެށި އެ މަސައްކަތް މިދިޔަ މަހުގެ މެދުތެރޭގައި މަޑު ޖައްސާލީ ގްރީސްއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދިނުމަށާއި ބޯޓު މަރާމާތު ކުރަން ކަމަށް އެގައުމުން އޭރު ބުންޏެވެ.

އޭގެ ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބޭއްވި ބައްދަލުވުމެއްގައި އެ އިއްތިހާދުން ވަނީ، ގްރީސް އާއި ސައިޕްރަސްއިން އަމިއްލަ ސަރަހައްދުތައް ކަމަށް ބުނާ ކަނޑުގެ ސަރަހައްދުގައި ތުރުކީން "ގަވާއިދާ ހިލާފަށް ތޮރުފާ، ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރާ ނަމަ" އެގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

comment ކޮމެންޓް