ޒީނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒީނާ މަގާމުން ވަކިކުރަން ފާސްވީ ކޮމިޓީއަށް ހާޒިރުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓާއެކުގައެވެ.

މިއަދުގެ ބައްދަލުވުމަށް ޒީނާ ކޮމިޓީއަށް ހާޒިރުކޮށް ބައެއް ކަންތައްތަކާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ. އެގޮތުން ހާޒިރީ އާއި ކުރީ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅޭގޮތުންވެސް ޒީނާއާ ސުވާލުކޮށްފައިވެއެވެ.

އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ފާސްކޮށްފައިވަނީ ޒީނާގެ މެމްބަރު ކަމުގެ ދައުރު ހަމަވާން ހަ މަހަށް ވެފައި ވަނިކޮށެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގައެވެ.

ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

އޭނާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރައްވާފައިވަނީ އޭޕްރިލް، 5، 2016ގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަނު ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ، އަމްޖަދު ވަހީދު އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ. މީގެ ކުރިން އެހެން ދެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ނިންމައި މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ.

comment ކޮމެންޓް