ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް އަންނަނީ ބަލަމުންނެވެ.
ފުލުހުން މިއަދު ބުނީ، ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މީހަކު ހަމަލާ ދިން މައްސަލައެއް ރޭ އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ، ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ތުހުމަތުތަށް ދޮގުކޮށް ރޭ އިކްރާމް ވަނީ ފޭސްބުކް ޕޯސްޓެއް ކުރައްވާފަ އެވެ. އިކްރާމް ވިދާޅުވީ، ސާމްޕަލް ނެގި މީހާއަށް އޭނާ ހަމަލާ ނުދޭ ކަމަށެވެ.
"ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގަ އިން އޭނާގެ [ސާމަޕަލް ނެގި މީހާގެ] އަތް ދުރަށްލިން،" ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑިޕީއަށް ނިސްބަތްވާ އިކްރާމް ވިދާޅުވި އެވެ.
"އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނެގުމަށް ބައިތިއްބަން ނުވާނެ ކަމަށް،"
އިކްރާމް ވިދާޅުވީ، އެވަގުތު ސާމްޕަލް ނެގި މީހާއަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހުމުން އެ ސުވާލަށް އޭނާ ޖަވާބު ނުދިން ކަމަށެވެ.
"މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ. އެތާ ކެމެރާ ހުރި ނަމަ، އެ ކެމެރާއިން ބައްލަވާ ކަން ހިނގާ ދިޔައީ މިގޮތަށް ނޫންތޯ،" ކަން ހިނގިގޮތް އިކްރާމްގެ ފަރާތުން ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވި އެެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިން އައިޖީއެމްއެޗުންވެސް ކޮވިޑަށް ޓެސްޓް ހެދިއިރު ކަންކޮށްފައިވަނީ ވަރަށް އޯގާތެރިކަމާއެކު ކަމަށެެވެ. އޭގެ އިތުރުން އޭނާއަކީ މިހާތަނަށް އައިރުވެސް މާރާމާރީގެ މައްސަލައިގައި ޕޮލިސް ރިކޯޑް އޮތް މީހެއް ވެސް ނޫން ކަމަށް އެ ޕޯސްޓުގައި އިކްރާމް ފާހަގަ ކުރެއްވި އެވެ.
އެކަމާ ގުޅިގެސް ފޭސްބުކުގައި ބައެއް ފަރާތްތަކުން ދަނީ އިކުރާމަށް ފާޑުވެސް ކިޔަމުންނެވެ.