މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ޑީޖޭއޭއާ ހަވާލުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާ އިދާރައަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމުގައި އެޓާނީ ޖެނެރަލް ކަނޑައަޅުއްވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިގޮތަށް ނިންމެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށް، އެ ގާނޫނުގެ 187ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނު، ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހުގަ އެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ކަނޑައެޅުމާއެކު، އެ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 187ވަނަ މާއްދާގެ (ށ)ގެ ދަށުން ޑީޖޭއޭއިން ގާއިމުކުރަން ޖެހޭނެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ މަރުކަޒީ އިދާރާއެއް ކަނޑައެޅުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގަން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

comment ކޮމެންޓް