ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

ޖެނުއަރީ 28، 2020: ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އަށް ބޭންކް އެކައުންޓު ފްރީޒްކުރަން ކޯޓު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެފަދަ އަމުރަކަށް ފުލުހުން އެދުމުންނެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމިުރު ބާތިލުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނާ މޮނިޓަރިންގެ އަމުރެއް ނެތިކަަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެ އެވެ. ނަމަވެސް ދައުލަތުން ބުނަނީ، ފްރީޒް ކުރުމުގެ އަމުރު ނެރުނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ވާ އިސްތިސްނާ ހާލަތެއް ބޭނުންކޮށްގެން ކަމަށެވެ. ހައިކޯޓުން ކަނޑައަޅާފައި ވަނީ އެއީ އިސްތިސްނާ ހާލަތެއް ނޫން ކަމަށެވެ.

ނަމަވެސް ސުޕްރީމްކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލައިގައި އެކައުންޓު ފްރީޒް ކުރުމުގެ އަމުރަކަށް އެދެން ޖެހޭނީ މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ކަމަށެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ފްރީޒް ކުރެވޭނީ ދައުލަތަށް ނެގިދާނެ ކަމަށް ބެލެވޭ ފައިސާއެވެ. އެ ފައިސާއަކީ ދައުލަތަށް ނެގިދާނެ ފައިސާއެއްކަން ސާބިތުކޮށްދިނުމަކީ އެ މަރުހަލާގައި ލާޒިމު ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެ ފައިސާއަކީ ދައުލަަތަށް ނެގިދާނެ ފައިސާ ކަމަށް ގަބޫލު ކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ފަނޑިޔާރުންނަށް ދެއްކުމުން ފުދޭނެ ކަމަށް ހުކުުމުގައިވެ އެވެ.

ފްރީޒް ކުރުމުގެ އަމުރަކަށް އެދޭ އިރު، ދައުލަތަށް ނަގަން އެދޭ ފައިސާ ނޫނީ މުދާ ބަޔާން ކުރަން އެނގެން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެއީ ފައިސާ ކަމުގައިވާނަމަ، އެ ފައިސާގެ އަންދާޒާ ކުރެވޭ އަދަދެއް ފަނޑިޔާރަށް ހުށަހަޅަން ޖެހޭނެ ކަމާއި، އަންދާޒާ ކުރާ އަދަދަށްވުރެ ގިނައިން އެކައުންޓުގައި ފައިސާ ހުރި ނަމަ ފްރީޒް ކުރާނީ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ކުށާ ގުޅިފައިވާ ކަމަށް ބެލެވޭ ފައިސާ ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، އަމުރަށް އެދޭ އިރު އެ އަމުރަށް އެދެނީ ކޮން ގާނޫނެއްގެ ދަށުންކަން ބަޔާން ކުރަންވާނެ ކަމަށާއި، ފަނޑިޔާރުން އަމުރު ނެރޭއިރުވެސް، އެ އަމުރެއް ނެރެނީ ކޮން ގާނޫނެއްގެ ދަށުންކަން ބަޔާން ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނުގައި ލާޒިމު ކުރާ ކަންކަން އެ މައްސަލައެއްގައި ފުރިހަމަވާތޯ ނުވަތަ ނޫންތޯ ބަޔާން ކުރަން ވާނެ ކަމަށް ހުކުމުގައިވެ އެވެ.

ފުލުހުންގެ ތަހުގީގަކީ ރައީސް ޔާމީންއާ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓަކުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މުއާމަލާތަކާ ގުޅޭ ތަހުގީގެއްކަން ހުކުމުގައި ފާހަގަ ކުރި އެވެ. ނަމަވެސް، އެސްކްރޯ އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދުމުގެ ބަދަލުގައި ރައީސް ޔާމީންގެ އެހެން އަށް އެކައުންޓު ފްރީޒް ކުރަން ހުށަހަޅި އިރު، އެ އެ އެކައުންޓުތަކުގައިވާ ފައިސާއާ އެސްކްރޯ އެކައުންޓުގެ މުއާމަލާތާ ގުޅެނީ ކިހިނެއް ކަމެއްވެސް ފުލުހުންނަށް އެ މައްސަލައިގައި ހައިކޯޓުގައިވެސް ސުޕްރީމް ކޯޓުގައިވެސް ބުނެދެވިފައި ނުވާކަމަށް މިއަދު ސުޕްރީމްކޯޓުން ކުރި ހުކުމުގައިވެ އެވެ. އަދި އެ އެކައުންޓުތަކުގައި އެމްއެމްޕީއާރްސީގެ ފައިސާ ހުރިކަންވެސް ބުނެދެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

"ވީމާ މި ސަބަބުތަކަށް ޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަށް އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ [ކޯޓު އަމުރު ނަމްބަރު] އަމުރު ނެރެފައި ވަނީ ގާނޫނާ އެއްގޮތަކަށް އަހުރެންނަކަށް ނުފެނުނު،" ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިރަދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ތާއީދު ކުރެއްވި އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމެވިޔަސް މިހާރުވެސް އެކައުންޓުތައް ހުރީ ފްރީޒް ނުކޮށް ދޫކޮށްލައިފަ އެވެ. ފްރީޒްކޮށްފައި ހުރީ ހަމައެކަނި ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑާ ކުރި މައްސަލަ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ. އެ މައްސަލައިގެ އިތުރުން އެހެން މަނީ ލޯންޑަރިންގެ ދައުވާތަކެއްވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ.

comment ކޮމެންޓް