އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރެވެނީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެތީ: ޑިފެންސް

އޭޕްރިލް 27، 2016: ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު ރާއްޖެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށާއި އެހެން ކަންކަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެހެނިހެން މައުލޫމާތު ހާމަކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައި ވަނީ، "ދިޔަރެސް" ނޫހުން އިންފޮމެޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ އިލްތިމާސް އަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓުކުރަމުންދާ ދެ ހެލިކޮޕްޓަރު ދުއްވުމަށް އަދި އެހެނިހެން ވެސް ބޭނުމަށް ރާއްޖޭގައި މިވަގުތު ގާއިމުވެފައި ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު އަދި އެމީހުންނަށް ދިވެހި ދައުލަތުން ކުރާ އެންމެހާ ހަރަދުގެ ތަފްސީލް ހޯދުމަށް އެދި ދިޔަރެސް ނޫހުގެ ފަރާތުން އެދުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ދިޔަރެސް ނޫހަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ނޫހުން އެދުނު މައުލޫމާތު އެރުވެން ނެތް ކަމަށެވެ.

މައުލޫމާތު ދިނުމަށް މިނިސްޓްރީން ދެކޮޅު ހަދާފައި ވަނީ، އެ ނޫހުން ހޯދަން އެދުނު މައުލޫމާތަކީ ސިފައިންގެ ގާނޫނުގައި "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމަށް އުނިކަމެއް ލިބިދާފަދަ އެއްވެސް މައުލޫމާތެއް ކަމާނުބެހޭ ފަރާތަކަށް ދީފިނަމަ، އެ ގާނޫނުގެ ދަށުން އެފަދަ މީހަކު ކުށްވެރިވާނެކަމަށް ބަޔާންކޮށްފައި އޮތުމުން ކަމަށް ބުނެއެވެ.

ހަމަ އެއާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި "އެހެން ދައުލަތަކާއެކު ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއަކާއެކު އޮތް ގުޅުމެއްގެ ތެރެއިން، ނުވަތަ އެއްބަސްވުމުގެ ތެރެއިން ނުވަތަ ދެކެވެމުންދާ ވާހަކަތަކެއްގ ެތެރެއިން، ނުވަތަ ބަދަލުކުރެވެމުންދާ ލިޔެކިޔުމެއްގެ ތެރެއިން ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އެނގިފައިވާ މައުލޫމާތު ކަމަށްވުމުން، އަދި އެ މައުލޫމާތު ހާމަކުރުމަކީ އެ ދައުލަތަކާއެކު ނުވަތަ އެ ޖަމިއްޔާއަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުމަށް ނުރަނގަޅު އަސަރުކުރާނެ ކަމަކަށްވުން ނުވަތަ ނުރަނގަޅު އަސަރުކޮށްފާނެ ކަމެއް ކަމަށް ބެލެވޭ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތިގެ އިދާރާއަށް ލިބިގެންވާ ކަމަށް" ބަޔާންކޮށްފައި އޮންނާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ހަމަ އެ ގާނޫނުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ވަރުގެ ގެއްލުނެއް ފޯރާނެކަމުގެ ބިރު އޮތް ކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމެގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާތީ ކަމަށެވެ.

ޑިފެންސްގެ އިން މައުލޫމާތު ހާމަނުކުރުމުން، ދިޔަރެސް ނޫހުން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކޮށްފައެވެ. އަދި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވަނީ ޑިފެންސް މިނިސްޓްރީން ދިޔަރެސް ނޫހަށް ދިން ޖަވާބުގައިވާ ވާހަކަތައް ތަކުރާރު ކުރައްވައިފައެވެ.

ޝިމާހު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަނޑައަޅަނީ، ސިފައިންގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލަފާދޭ މަޖިލީހަކުން އެ އިރެއްގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި، އަދި ދިޔަރެސް އިން އެދުނު މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އެ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

"އެ މަޖިލިސް އިން އެގޮތަށް ކަނޑައެޅީމަ ދެން އަޅުގަނޑުމެންނަކަށް، އޭގަ ތިއްބަވާނީ ސިފައިންގެ އިސް އޮފިސަރުން. އެއްވެސް ސިޔާސީ ބޭފުޅުން ބައިވެރިއެއް ނުވާނެ. ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ އިސް ރޭންކުގެ އޮފިސަރުން ބައިވެރިވާނީ. އެބޭފުޅުން އެގޮތަށް ނިންމެވީމަ އެކަމަކާ އަޅުގަނޑުމެން ދެން އިތުރަކަށް ސުވާލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

ޝިމާހުގެ ވާހަކަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވަނީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމާ ގުޅޭ އެއްބަސްވުމުގައި އެ މައުލޫމާތު ސިއްރުކުރުމަށް އެއްބަސްވެފައިވޭތޯ ސުވާލުކުރައްވައިފައެވެ. ފިޔާޒް ވިދާޅުވީ މައުލޫމާތު ސިއްރުކުރަން އެއްބަސްވެފައިވާ ނަމަ، ކޮމިޝަނަރަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖެއާ އިންޑިއާ އާދެމެދު މިއޮތީ ވަރަށް ވަރުގަދަ ގުޅުމެއް. ފެށުނީއްސުރެ ވެސް މިއޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް. ރާއްޖެއާ އިންޑިއާގެ ގުޅުން މިހާ ބަދަހިވެފައި އޮތް ހާލަތެއްގައި އަދި އެގްރީމަންޓްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ނެތް ނަމަވެސް އަޅުގަނޑުމެން އެ މައުލޫމާތު ހާމަކޮށްފިކަމުގައި ވާނަމަ، ދެފަރާތުގައި ވެވޭ އެގްރީމެންޓެއްގެ ދަށުން ލިބޭ މައުލޫމާތު ހާމަކޮށްފިނަމަ އެއީ އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި މިއޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ޝިމާހް ވިދާޅުވިއެވެ.

ޝިމާހް ވިދާޅުވީ ރާއްޖެއަކީ ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި އަވަށްޓެރިންނާ އޮތް ގާތް ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްގެން ޖިސްމަށް، ނަފްސަށް، މުދަލަށް ވާނެ ގެއްލުމަކާ ގުޅޭގޮތުން ވެސް ފިޔާސް ސުވާލު އުފެއްދެވިއެވެ. ފިޔާޒް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނާނަމަ، ކޮންމެސް ކަމެއްގެ މައްޗަށް އެކަން ބިނާކުރަން ޖެހޭނެ ކަމަށެވެ.

ފިޔާޒު ވަނީ ގައުމީ ސަލާމަތަށް ކަމަށް ބުނެ މައުލޫމާތު ފޮރުވާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެކަމާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ހޯދޭނީ، ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް ވުރެ އިސް ބޭފުޅުންނާއެކު ވަކިން ބައްދަލުވުމެއް ބާއްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދިޔަރެސް ނޫހުގެ ފަރާތުން ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރެވޭ ސަބަބެއް، އަދި ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުވަތަ އިންޑިއާ އާދެމެދު އޮތް ގުޅުމަށް ބުރޫއަރާ ސަބަބެއް ވެސް މިނިސްޓްރީއަށް ބުނެދެވިފައި ނުވާކަމަށެވެ.

ދިޔަރެސް ނޫހުގެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ފިޔާޒު ވިދާޅުވީ އެއީ ޝިމާހުއަށް ދެއްވޭނެ މައުލޫމާތެއް ނޫން ކަމަށާއި އެހެންކަމުން އެކަން ސާފުކޮށްދިނުމަށް ޑިފެންސްގެ އިސްވެރިންނާ އެކު ވަކިން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑީއާގެ ދެ ހެލިކޮޕްޓަރުންނެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ.

ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގުޅޭ ކަމަށް މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް