މަތީ ދަރަޖަ އިނާމަށް މިއަހަރު 57 އެޕްލިކޭޝަނެއް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން: މަތީ ދަރަޖަގެ އިނާމު ވަނީ އެކި ދާއިރާތަކުން ފަރާތްތަކަށް ދީފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅި ފަރާތްތަކުންގެ ތެރެއިން މިއަހަރު 57 އެޕްލިކޭޝަނެއް ބަލައިގަނެފައިވާ ކަމަށް އިނާމު ކޮމިޓީއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާ ގުޅޭ ކޮމިޓީއިން މިއަދު ބުނެފައިވަނީ 57 އެޕްލިކޭޝަނެއް ބަލައިގަނެފައިވާއިރު އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމާއި ޕޮއިންޓް ދިނުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މަތީ ދަރަޖަ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ ހަތަރު ގިންތިއަކުންނެވެ.

ފުރަތަމަ ގިންތިއަކީ މަތީ ތައިލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ. މި ގިންތީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް އިނާމު ލިބޭ ގޮތަށް މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު މި އަހަރު ދެއްވާނެ ދެ ވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި އެވެ.

ހަތަރުވަނަ ގިންތީގެ ގޮތުގައި، މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވައިފަ އެވެ. އެ ގިންތިއަކީ ހުނަރުވެރި، ފަންނުވެރި އަދި މަސައްކަތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތިއެވެ.

މި ގިންތި ތައާރަފުކުރައްވާނެކަން އިއުލާނުކުރެއްވީ މިދިޔަ އަހަރު އޮތް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

comment ކޮމެންޓް