ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް އޮފީސް -- ސަން ފައިލް ފޮޓޯ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ މިހާރު ޓްރައިބިއުނަލްގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 28ގެ ނިޔަލަށް ހަމަވާތީއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 12، 13 އަދި 14 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ ޓްރިބިއުނަލްގެ މެމްބަރުގެ މަގާމުގައި ހުންނަ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ޝަރުތުތައް އާންމުކޮށްފަ އެވެ.

އެގޮތުން މާލީ، ޓެކްސް، ވިޔަފާރި، އާއި އިގްތިސޯދު ނުވަތަ ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ގާބިލު ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުމާޢި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުމާއި، ސިޔާސީ މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން ހިމެނެއެވެ.

އަދި ސިވިލް ސާވިސްގެ މުވައްޒަފެއް ނުވަތަ މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ވެގެން ނުވާނެއެވެ.

comment ކޮމެންޓް