އޮމާންއާއި ސޫދާންއިން އިސްރާއިލާ ގުޅުން ގާއިމްކުރާނީ އެމެރިކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށްފަހު ކަމަށް އިސްރާއިލްގެ ނޫހަކުން ބުނެފި އެވެ.
ދާދި ފަހުން ޔޫއޭއީ އަދި ބަހްރެއިން ވެސް ވަނީ އިސްރާއިލާ ރަސްމީކޮށް ގުޅުން ގާއިމްކޮށްފަ އެވެ. އަދި މީގެ އެތަކެއް އަހަރުތަކެއް ކުރިން އުރުދުން އާއި މިސްރުން ވެސް އިސްރާއިލާ ރަސްމީކޮށް ގުޅުން ގާއިމްކޮށްފައިވެ އެވެ.
އިސްރާއިލްގެ ނޫހެއްކަމަށްވާ މާރިވްއިން ބުނީ އޮމާން އަދި ސޫދާންއިން އިސްރާއިލާ ގުޅުންގާއިމް ކުރާނީ އެމެރިކާގެ އިންތިހާބަށްފަހު ކަމަށެވެ. އަދި ޔޫއޭއީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫސުފް އަލް އޮތައިބާއާ ހަވާލާދީ އެ ނޫހުން ބުނީ އޮމާން އަދި ސޫދާންއިން ވެސް އިސްރާއީލާ ގުޅުން ގާއިމްކުރަން އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.
ސޫދާންގެ ޑެޕިއުޓީ ހެޑް އޮފް ސްޓޭޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޯ ވިދާޅުވީ އިސްރާއިލާ ގުޅުން ގާއިމްކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ހަމްދާން ވިދާޅުވީ އިސްރާއިލާ ގުޅުން ގާއިމްކުރިޔަސް ސޫދާންއިން އޮންނާނީ ފަަލަސްތީނުގެ އަޚުންނާއެކު ކަަމަށެވެ. އަދި އިސްރާއިލާ ގުޅުން ގާއިމްކުރުމުން އެކި ކަންކަމުގައި ދެ ގައުމަށް ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. -- މިޑުލްއީސްޓްމޮނިޓާ