ފުރަބަންދަށް ގޮންޖަހައި އިސްރާއިލްގެ ރައްޔިތުން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާގައި

އިސްރާއިލްގެ މުޒަހަރާއެއްގެ ތެރެއިން--

ކޮރޯނާއާ ގުޅިގެން އިސްރާއިލް ފުރަބަންދުކޮށްފައި އޮތް ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެ އެވެ.

މިއީ އެ މުޒާހަރާތައް ކުރިއަސްދާތާ 15 ވަނަ ހަފްތާ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެގައުމުގައި އެޅި ފިޔަވަޅުތަކާ ގުޅިގެން އިސްރާއިލްގެ ބޮޑުވަޒީރަށް ޕްރެޝަރުބޮޑުވެފައިވާއިރު، މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ ނަތަންޔާހޫއަށް ވަނީ އިތުރަށް ޕްރެޝަރުތައް ކުރިމަތިވެފަ އެވެ.

ނަތަންޔާހޫއަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި އެމަނިކުފާނުގެ ވާހަކަތައް "ޕޮޒިޓިވް"ކޮށް ގެނެސްދޭ މީޑިއާތަަކުގެ ވެރިންނަށް އެކި ކަހަލަ ހާއްސަ އިމްތިޔާޒްތަކެއް ހަމަޖައްސައިދިނުން ހިމެެނެ އެވެ.

ފުރަބަންދާ ގުޅިގެން ކޮރޯނާވައިރަސް އިތުރަށް ކޮންޓްރޯލްކުރުމުގެ ގޮތުން ވަނީ އިސްރާއިލްގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ނަމަވެސް ފާޑުކިޔާ މީހުން ބުނީ މިއީ ހިޔާލު ފާޅުކުރާ މީހުންނަށް ހުރަސް އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

މުޒާހަރާތައް ރޭވުމުގައި އުޅުނު ފަރާތްތަކުން ބުނީ އިސްރާއިލްގެ އެކި ސަރަހައްދުތަކުގައި ބޭއްވި އެ މުޒާހަރާތަކުގައި 100،000 އެއްހާ މީހުން އެއްވި ކަމަށެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުންވަނީ ފުލުހުންނަށް ހުރަސްއަޅައި މަގުތައް ބަންދުކުރަން މަސައްކަތްކޮށްފަ އެވެ.

މުޒާހަރާތަކާ ގުޅިގެން ތެލްއަވީވުން ވަނީ 30 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. -- އަލްޖަޒީރާ

comment ކޮމެންޓް