ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ބިލް ސްޓެފެން ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އޭނަގެ ކެމްޕޭން މެނޭޖަރު ބިލް ސްޓެފެންއާ އެކު ---

ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު ބިލް ސްޓެފެން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު ސްޓެފެން ވެސް އެބަލީގެ ޝިކާރައަކަށްވެފައިވާ ކަން ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ އެމެރިކާގެ މީޑިއާތަކަށް ހާމަކޮށްފަ އެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ "އެސޯސިއޭޓެޑް ޕްރެސް" ބުނާ ގޮތުން ސްޓެފެން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭޔެވެ. އަދި އޭނާގެ ހަށިގަނޑުން ކޮވިޑްގެ އަލާމަތްތައް ފެނިފައިވާ ކަމަށާއި، ބިލް ހުރީ ހުން އައިސްފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ރިޔާސީ އިންތިޚާބަށާއި އަދި ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލަށް ވާނެ ގޮތަކާމެދު އެމެރިކާގެ އެތެރެއިންވެސް ސުވާލުތަކެއް އުފައްދާފައިވާ އިރު، ސްޓެފެން ވަނީ މިދިޔަ އަންގާރަ ދުވަހު ވެރިރަށް ވޮޝިންގްޓޮންގައި ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސުގައި ޓްރަމްޕާއި ވަރަށް ގާތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ ދަތުރުގައި ޓްރަމްޕްގެ އަރިސް ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވި ހޯޕް ހިކްސް ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ޓްރަމްޕުގެ އިތުރުން އޭނާގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ޓްރަމްޕް ދިރިއުޅުއްވަމުން ގެންދެވި ވައިޓް ހައުސް މިވަގުތު އޮތީ އެލާޓަށް ގެނެސްފަ އެވެ. އަދި އެކަމާ ވިދިގެން ގިނަ ބަޔަކު ވައިރަހަށް ޓެސްޓް ކޮށްފައިވާ އިރު، ޓްރަމްޕިގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރު ޖަސްޓިން ކްލާކް ބައްޔަށް ވަނީ ނެގެޓިވް ވެފަ އެވެ.

މެރީލޭންޑްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދެއްވަން ފެށިފަހުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އަނބިކަނބަލުން މެލޭނިއާ ޓްރަމްޕުގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ.

ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ގޯސް ކަމަށް ބުނެ ވައިޓްހައުސްގެ ސޯސްއަކާއި ހަވާލާ ދެއްވާ މީޑިއާތަކުގައި ހަބަރު ފެތުރިތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. "އެސޯސިއޭޓެޑް ޕްރެސް" ބުނާ ގޮތުން ޓްރަމްޕަށް ނޭވާލުން ދަތިވާ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. އަދި ޓްރަމްޕްގެ ހުންވެސް ވަރަށް ގަދަ ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވަނީ އޭޕީއަށް މައުލޫމާތުދެއްވާފައެވެ.

comment ކޮމެންޓް