އަހަރެއްގެ މެދުކެނޑުމަކަށްފަހު ތާރީހީ ހުކުރު މިސްކިތުގައި ހުކުރު ނަމާދު އަލުން ފަށައިފި

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވީ ހުކުރު ދުވަހަކީ މިއަދުގެ ކުރިން އެންމެ ފަހުން މާލޭ ހުކުރު މިސްކިތުގައި ހުކުރު ނަމާދު ކުރި ދުވަހެވެ. އާބާތުރަފިލުވުމަށް ބަންދު ކުރިތާ އަހަރެއްހާ ދުވަސް ފަހުން އިއްޔެ އެ މިސްކިތް އަލުން ވަނީ ހުޅުވާލައިފަ އެވެ. އިއްޔެ އަސުރު ނަމާދުން ފެށިގެންނެވެ. އަދި މިއަދު ހުކުރު ނަމާދުވެސް އެ މިސްކިތުގައި ވަނީ ކޮށްފަ އެވެ. ހުކުރު ގަޑީގައި އެ ސަރަހައްދުގައި އޮންނަ ދިރުން އަހަރެއްހާ ދުވަސް ފަހުން މިވަނީ އަލުން އިއާދަވެފަ އެވެ.

މިއަދުގެ ހުކުރު ނަމާދުގައި ފެނުނީ ކުރިންވެސް ފެނުނު ހިތްގައިމު މަންޒަރުތަކެވެ. ބައްޕައިން ދަރިން އަތުގައި ހިފައިގެން މިސްކަތަށް އަރާ ތަނެވެ. ޒުވާނުން މުސައްލާތައް އޮޅާލައިގެންނާއި ފަތްޖަހައިގެން ތިބޭ މަންޒަރެވެ. ރައްޓެހިން ގްރޫޕު ހަދާލާފައި ހުކުރު ނަމާދަށް ގޮސް އުޅޭ މަންޒަރެވެ.

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، ކުރިއާ އަޅާބަލާއިރު މިއަދު އެ މިސްކިތަށް ހުކުރަށް ދިޔަ މީހުން މަދެވެ. މިސްކިތް އަލުން ހުޅުވާލީ ކަމެއް ނޭނގެނީ ކަމަށްވެސް ވެދާނެ އެވެ. ނޫނީ ކޮވިޑް-19ގެ ނުރައްކާ އޮތުމުން ޖަމާއަތަށް ދާ މީހުން މަދުވީމާ ކަމަށްވެސް ވެދާނެ އެވެ.

ތިންސަތޭކަ ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ހުކުރު މިސްކިތުގެ އެތެރެވެސް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ބަަދަލުކޮށްލާފަ އެވެ. ކުރީގެ ކާޕެޓުގެ ބަދަލުގައި މިހާރު އެތަނުގައި ހުންނަނީ ފްލޯރިން އަޅާފަ އެވެ. އަދި އެތަނުން ކަތުރުފަނި ވަނީ ނައްތާލާފަ އެވެ. ހިރިގަލާއި ލަކުޑިއަށް ދޭން ޖެހޭ ފަރުވާ ވަނީ ދީފަ އެވެ. އަދިވެސް ހިރިގަލާއި ލަކުޑީގެ މަސައްކަތްތައް ބަލާ ފޫހި ނުވާ ވަރުވެ އެވެ.

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު ހުކުރު މިސްކިތް ކުއްލިއަކަށް ބަންދު ކުރަން ޖެހުނީ، ވަރަށް ގަދައަށް ކަތުރުފަނި އަޅައި މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަން ރަނގަޅު ނުކޮށް މިސްކިތް ބޭނުން ކުރުން ރައްކާތެރި ނުވާނެތީ އެވެ.

ހުކުރު މިސްކިތް އިތުރަށް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރެވާން ވަނީ ނިންމައިފަ އެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ. އެ މަސައްކަތް ލަސްވެފައި އޮތީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހުރަސްތަކާ ހެދި އެވެ.

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީ ސަރުކާރުންވެސް ވަނީ ހުކުރު މިސްކިތް މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފަ އެވެ. އެ މިސްކިތް ހުޅުވާފައިވަނީ މަރާމާތުކުރުމަށް އެއް އަހަރަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީއިން ވަނީ ކުރީ ސަރުކާރުން ހުކުރު މިސްކިތާ މެދު އަމަލު ކުރި ގޮތަށް ފާޑު ކިޔާފަ އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ކުރީގެ ސަރުކާރުގައި މިސްކިތުގެ ތަނބުތަކަށް ހޮޅި ލައްވާފައި އަދި ފްލައިވުޑު ޖެހުމުން ކަތުރުފަނި މުޅި މިސްކިތަށް އިތުރަށް ފެތުރި ތަބުފަދަ ތަންތަން މާ ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ. އެތަން ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް