ކޮވިޑަށް ޕޮޒިޓިވްވުމުން ޓްރަމްޕްގެ ދެކަނބަލުންނަށް ރައީސް ސޯލިހުގެ ހެޔޮ ދުއާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އަނބިކަނބަކުން މެލާނިއާ -- ފޮޓޯ/ އޭޕީ

ކޮވިޑް19 އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންގެ ހެޔޮ ދުއާ ފޮނުއްވައި، އެ ދެކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި މެލާނިއާ ކޮވިޑް19 އަށް ޕޮޒިޓިވްވީ ވައިޓްހައުސްގައި ޓްރަމްޕާ އެކު ވަރަށް ގާތުން މަސައްކަތްކުރައްވާ އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. އެ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕްގެ ދެކަނބަލުން ޓެސްޓު ކުރެއްވުމުން ނަތީޖާ ޕޮޒިޓިވްވިކަން އެނގުމުން ޓްރަމްޕް ވަނީ އެކަން ޓްވިޓާގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާއަށް އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފަރާތުން ހެޔޮ ދުއާ ފޮނުއްވާ ކަމަށެވެ.

އަދި ޓްރަމްޕްގެ ދެކަނބަލުން ކޮވިޑް19 އިން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވެ، ވައިޓްހައުސްގައި ކަރަންޓީނުވެވަޑައިގަންނަވަން ޖެހިފައިވާ އިރު، ޓްރަމްޕްގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ފައްޓަވާފައިވާ ރިޔާސީ ކެމްޕޭނަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބޭއްވި ޖާފަތެއްގައި ޓްރަމްޕް ވަނީ އެމެރިކާގައި ކޮވިޑް19 ބަލިމަޑުކަން ނިމުމަކަށް އަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

https://sun.mv/143772

ކޮވިޑް19 އެންމެ ބޮޑަށް ޑައުންޕްލޭ ކުރެއްވި ދުނިޔޭގެ އެއް ވެރިއަކީ ޓްރަމްޕެވެ. އަދި ބަލީގެ ސަބަބުން މާ ބޮޑު ގެއްލުމެއް ނުވާކަމަށް ވިދާޅުވެ މާސްކް އެޅުމާ ދެކޮޅަށް ވަކާލާތުކުރެއްވި ޓްރަމްޕް އެމެރިކާގައި ބަލި ކޮންޓްރޯލުކުރުމަށް ފެއިލްވުމާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައެވެ.

އެމެރިކާއަކީ ކޮވިޑް19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 7,494,671 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި 212,660 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް