ގުރުއާނުގެ ނޫރުން: ނުބައި ވަސްވާސްތަކާއި އެދުންތަކުން ދުރުހެލިވުމަށް ޔޫސުފްގެފާނު ދެއްކެވި ނަމޫނާ

ދުނިޔަވީ އެކި ކަންކަމުގައި އަމިއްލަ އެދުންތަކާއި، ޝައިތާނީ ވަސްވާސްތައް އަހަރެމެންގެ ހިތާއި ސިކުނޑިތަކާއި ކުޅެ ހައްލާލަ އެވެ. އެހެންނަމަވެސް މި ހުރިހާ ވަގުތު ތަކަކީވެސް މާތްﷲ އަހަރެމެންނަށް ކުރިމަތި ކުރުވާ އިމްތިހާނުތަކެކެވެ.

ގުރުއާނުގެ ނޫރުން ސީރީޒްގެ މި ހަފްތާގެ އެޕިސޯޑުގައި ޝެއިހް ނިމާލް މުހައްމަދު ކިޔައިދެއްވާ، ޔޫސުފްގެފާނުގެ މި ވާހަކަފުޅަކީ މިއަދުގެ މުޖްތަމައުގައި ކޮންމެހެންވެސް އަހަރެމެންނަށް އެނގުން މުހިންމު ވާހަކައެކެވެ. އިބްރަތެކެވެ.

ޔޫސުފްގެފާނަކީ ޔައުގޫބުގެފާނުގެ 11 ފިރިހެން ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެވެ. ބުއްދިވެރި އިލްމުވެރި ނަބިއްޔެކެވެ. އެކަލޭގެފާނު ތުއްޕުޅުއިރު ކުޅުއްވަން ގެންދިއުމަށްފަހު އެއްބަފާ ބޭބޭކަލުން ދުރުތަނެއްގައި ހުރި ވަޅަކަށް އެކަލޭގެފާނު ދޫކޮށްލެއްވިއެވެ. އެ ވަޅުގައި އެކަލޭގެފާނު އޮންނަވަނިކޮށް އަޅެއްގެ ގޮތުގައި ގެންދެވުނީ މިސްރުގެ އަޒީޒުގެ ގަނޑުވަރުކޮޅަށެވެ. އެ ގަނޑުވަރުކޮޅުގައި އެކަލޭގެފާނު ބޮޑުފުޅުވިއެވެ. ޔޫސުފްގެފާނުގެ ހެޔޮ އަޚްލާގަށާއި މުއާމަލާތްކުރެއްވާ ގޮތާއި، ރީތިކަމަށާއި ހެޔޮފުޅުކަމަށް އެންމެންގެ ހިތުގައިވެސް ލޯބި އުފެދުނެވެ. އަދި މިސްރުގެ އަޒީޒުވެސް ޔޫސުފްގެފާނުގެ މި ސިފަތަކަށް ލޯބިކުރައްވާ ވަރަށް އޯގާތެރިކަމާއިއެކު އެކަލޭފާނަށް ކަންތައްތައް ކުރެއްވި އެވެ.

އެހެންނަމަވެސް އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެންމެ ޒުވާން ދުވަސްވަރުގައި އަދި މާބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ. މިސްރުގެ އަޒީޒުގެ އަނބިކަނބަލުންގެ ހިތުގައި އެކަލޭގެފާނާއި މެދު، ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. އެކަމަނާ ތަފާތު ގޮތްގޮތުން އެކަލޭގެފާނާއި ކައިރިވުމަށް މަސައްކަތްކުރިއެވެ. މިގޮތުން އެއްދުވަހަކު ގަނޑުވަރުކޮޅުގެ ހުރިހާ ދޮރެއް ލެއްޕުމަށްފަހު އެކަމަނާ އެކަލޭގެފާނާއި ކައިރިވުމަށް މަސައްކަތްކުރިއެވެ.

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ [ ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތް]

މާނައީ: އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ.

އެހެންނަމަވެސް ޔޫސުފްގެފާނު އެހިނދުގައި އެ ނުބައި ފާހިޝް އަމަލުން ރައްކާތެރިވެވަަޑައިގެންނެވުމަށް އަމަލު ކުރެއްވި ގޮތަކީ އޭގެ އެތަށް ޒަމާންތަކެއް ފަހުން މިއަދުގެ ޖީލަށްވެސް ނަމޫނާ އެކެވެ. ދަސްކޮށްދެއްވި މަތިވެރި ފިލާވަޅެކެވެ.

وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ [ ޔޫސުފް ސޫރަތުގެ 24 ވަނަ އާޔަތް]

މާނައީ: އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ.

އެކަލޭގެފާނު ﷲއަށް ބިރުވެރިވެ އެ ނުބައި އަމަލުން ރައްކާތެރިވުމަށް އެދި ދެންނެވި އެވެ. އަދި މާތްﷲ އަށާއި އެކަލޭފާނުގެ ސާހިބު އަށް ޚިޔާނާތްތެރިވުމުން ދުރުހެލިވެވަޑައިގެންނެވިއެވެ.

ޔޫސުފްގެފާނުގެ މި ވާހަކައިން މި ޖީލަށް ލިބޭ އިބްރަތަކީ، އެކަނިވެ، އެހެންމީހުންގެ ލޯތަކަށް ނުފެންނަ ފަދަ ހާލަތެއްގައިވެސް މިފަދަ ނުބައި ވިސްނުމެއް ޚިޔާލެއް ތަސައްވުރެއް ހިތަށް ކުރެވުމުން އެކަމުން ދުރިހެލިވާންވީ ގޮތެވެ. މާތްﷲގެ މަތީން ހަނދާންއާކޮށް އެކަލާންގެ ނަހީކުރެއްވި އަމަލުތަކުން ރައްކާތެރިވުމުގެ މާތްކަމާއި މަތިވެރިކަމެވެ.

comment ކޮމެންޓް