ޕީސީބީގެ ރައީސް ހަސަން ވަހީދު އިސްތިއުފާ ދެއްވައިފި

ހަސަން ވަހީދު: އޭނާ ވަނީ ޕީސީބީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައި ---

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވައިިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް ސިޓީ ފޮނުވި ކަން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް ފޯނަށް ގުޅުމުން ޖަވާބެއް ނުދިނުމުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މައުލޫމާތު އެނގޭ މީހުން ބުނި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ، އޭނާއާ ނުފޫޒު ފޯރުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް ނުފޫޒު ފޯރުވަނީ ކޮން ފަރާތަކުން ކަމެއް ސާފެއް ނޫނެވެ.

އެކަމާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލެއް ނުލިބިގެން މަޖުބޫރުވެގެން ޕީސީބީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމަކީ ހިތާމައެއް ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވި އިރު، ޕީސީބީ ގާނޫނާ އެއްގޮތަށް ހިނގާތޯ ބެލުމަށް ބޮންޑޭ ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެ ބޯޑުން ހަދާފައިވޭތޯ އާއި ކުންފުނިތަކުން ކުރަން ޖެހޭ ކަންކަން ކޮށްފައިވޭތޯ، ޕީސީބީން ބަލާތޯ ބެލުމަށް އޭނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ އޭނާ ހުށަހެޅީ، މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ އަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ފިނޭންސުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނު ބުނާ ގޮތުން ޕީބީސީ އަކީ ،ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ ބޮޑީ އެވެ.

ޕީސީބީގެ އާ ބޯޑު އެކުލަވާލި މިއަހަރު ކުރީކޮޅު އެވެ. އޭގެ ކުރިން ތިއްބެވި މެމްބަރުން ވަކިކުރީ، އެ މެމްބަރުން ވަކި ކުރަން މަޖިލީހުން ދިން ލަފައަކާ ގުޅިގެންނެވެ. މަޖިލިހުން އެގޮތަށް ލަފާ ދިނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީގެ ސަރުކާރުގައި އެ ބޯޑަށް އައްޔަން ކުރި މީހުންނަށް ރުހުން ހޯދުމަށް ފޮނުވާފައި ނުވުމާއި އެ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ބުނެ އެވެ.

https://sun.mv/143502

comment ކޮމެންޓް