މޮޑާނާއިން އުފައްދާ ކޮވިޑް ވެކްސިނަށް ހުއްދަ ލިބޭނީ މާޗް ހިސާބުގައި

ކޮވިޑް ވެކްސިން--

ކޮވިޑް-19 އަށް މޮޑާނާއިން އުފައްދާ ވެކްސިންއަށް އެންމެ އަވަހަށްވެސް ހުއްދަ ލިބޭނީ އަންނަ އަހަރު މާޗް ހިސާބުގައިކަމަށް ބުނެފި އެވެ.

މޮޑާނާގެ ސީއީއޯ ސްޓެފާން ބަސެލް "ފައިނޭންޝިއަލް ޓައިމްސް" އަށް ވިދާޅުވީ މިހާރު ކުރިއަށްދާ ކްލިނިކަލް ޓްރަޔަލްތަކުން އެކަށީގެންވާ ވަރަށް ޑޭޓާތައް ނޮވެމްބަރުގައި ލިބޭނެކަމަށާއި، މާޗް ނޫނީ އޭޕްރީލް ހިސާބުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެ ވެކްސިނަން ލައިސަންސް ހުއްދަ ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން މީގެ ކުރިންވެސް ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަމާއި އޭގެ ކާމިޔާބުކަން އެނގޭނީ މިއަރު ފަހުކޮޅު ކަމަށާއި އަދި އެ ވެކްސިންތައް އާންމުންނަށް ފޯރުކޮށްދެވޭނީ އަންނަ އަހަރު ކުރީކޮޅު ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ފައިޒާ އާއި، މޮޑާނާ އަދި ޖޯންސަން އަދި ޖޯންސަން ފަދަ ކުންފުނިތަކުން މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް ފޯރުކޮށްދެވޭވަރު ވާނެ ކަމަށެވެ.

ކޮވިޑްއަށް ވެކްސިނެއް އުފައްދާ ފައިޒާއިން، މިމަހު ކްލިނިކަލް ޓްރަޔަލްތައް ނިމޭނެކަމަށް ކުރިން ބުންޏަސް އެންމެ ފަހުން ބުނީ އެ ޓްރަޔަލްތައް މިމަހު ނިމޭނެކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 33.8 މިލިއަން ފަހަނައަޅައިގޮސްފައެވެ. އަދި މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. -- ފޯބްސް

comment ކޮމެންޓް